

ސަރުކާރުން ހުށަހަޅުއްވާފައިވާ އާ ގާނޫނުތައް ފާސްވެ، އެ ޤާނޫނުތަކުން ލިބޭ ބާރުތަކާއެކު ކުރިއަށް އޮތް އަހަރަކީ ތަފާތު ފެންނާނެ އަހަރަކަށް ވެގެންދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަލީ އިހުސާން މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތަށް 92 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އިހުސާން ވިދާޅުވީ މުޖުތަމައުގައި މޫލާފައި ހުރި މައްސަލަތައް މުލުން ލުހެލުމަށް ބޭނުންވާ ހާއްސަ ގާނޫނުތައް ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން ޑްރާފްޓް ކުރެވި މަޖިލީހަށް ފޮނުވިފައި ކަމަށެވެ. މިއީ އިންގިލާބީ ބަދަލެއް ގެނައުމަށް ބޭނުންވާ ފްރޭމްވޯކް ފުރިހަމަކޮށް ފަހުގެ ތާރީހެއްގައި ނުދެކޭ ފަދަ ބަދަލަކާއި ދިމާލަށް ދަތުރު ފަށަން ތައްޔާރުވަމުންދާ ކަމުގެ ހެކިތައް ކަމަށް އިހުސާން ވިދާޅުވި އެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި ފުލުހުން އިސްނަގަވާ ޓާސްކްފޯސްތަކުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައި. އައު ޤާނޫނުތަކުގެ އިމާއި ބާރުތަކާއެކު ކުރިއަށް އޮތް އަހަރަކީ ތަފާތު ފެންނާނެ އަހަރެއް. ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް އެންމެ އެދެވޭ ގޮތަށް، ނަތީޖާ ފެންނަ ގޮތަށް ރައްޔިތުންނަށް ލިބިގެންދާނެ އަހަރެއް،
މިނިސްޓަރު އިހުސާން ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނާ ގާތުން، އޯގާތެރިކަމާއި ހިނިތުންވުމާއެކު ދެވޭ ހިދުމަތަކަށް ހެދުމަކީ ވަޒީރެއްގެ ހައިސިއްޔަތުން މިއަހަރު އެންމެ އިސްކަން ދޭނެ ކަންތައް ކަމަށެވެ.
މީގެއިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފުލުހުންގެ ތަހުގީގުތައް އަވަސްކޮށް ރައްޔިތުން އެދޭ އަދި އެ ބަދަލު އިހުސާސް ކުރެވޭ ފަދަ ހެޔޮ ބަދަލެއް ގެނައުމަކީ އަމާޒެއް ކަމަށް އިހުސާން ވިދާޅުވި އެވެ.
އިހްސާން މިފަދައިން ވިދާޅުވެފައިވާއިރު ރޭވިގެން ހިންގާ ކުށްތައް ކުރާ ގްރޫޕްތައް ހުއްޓުވުމަށާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ މަޖިލީހަށް ބިލުތަކެއް ހުށަހަޅުއްވާފަ އެވެ. އަދި ފުލުހުންގެ ތަހުގީގަށް އާންމުންގެ އިތުބާޜު ވަރަށް ބޮޑަށް ގެއްލިފައިވާ ދަނޑިވަޅެއްގައި އެވެ.