

މިދިޔަ ހުކުރު ދުވަހު ފަތިހުގެ ވަގުތެއްގައި ހ. ފެންޓޯނިއޯގޭގެ ނުވަ ވަނަ ފްލޯއިން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު ޔުމްނު ރަޝީދު ވެއްޓުމުގެ ކުރިން އެރޭ އޭނައާ އެކު އުޅުނު ރައުދު އަހްމަދު ޒިލާލާ ހަމަނުޖެހުމެއް ހިނގާފައިވާ ކަން ފުލުހުންނަށް ކުރިން އެނގިފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ރައުދުގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކޮށް ބޭއްވި މަޖިލީހުގައި ފުލުހުން ދެއްްކި ވާހަކައިންނެވެ.
ފުލުހުން ބުނީ ޔުމްނު ވެއްޓުމަށްފަހު މާ ގިނައިރެއް ނުވަނީސް، ޔުމްނު ކޮބައިތޯ ރައުދުއާ މީހަކު ސުވާލުކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ޖަވާބުގައި "ވީ ތަނެއް ނޭނގޭ" ކަމަށާއި "ވެއްޓުނީކަމަށް ބެލެވޭ ކަމަށް" ރައުދު ބުނެފައިވާ ކަމަށް ފުލުހުން ކޯޓްގައި ބުންޏެވެ.
ރައުދުގެ ކުޑަކަމުދާތަކެތި ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޯޓު އަމުރެއްގެ ދަށުން ރައުދު އިއްޔެ ހައްޔަރުކުރީ ތަހުގީގަށް އެއްބާރުލުން ނުދޭތީ ކަމަށް ފުލުހުން ބުންޏެވެ. ކޯޓުން އޭނާގެ ބަންދަށް ޖެހީ ފަސް ދުވަހެވެ. އެހާ ކުރު މުއްދަތެއް ޖެހީ ރައުދުގެ ދިފާއީ ވަކީލައަށް އޭނައާ ބައްދަލުވެފައިނުވާތީ ކަމަށް ކޯޓު އަމުރުގައިވެއެވެ.
މަތިން ވެއްޓުނު ޔުމްނު އިތުރުފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.