

މިމަހުގެ 18 ވަނަ ދުވަޖހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން އިސްނަގައިގެން ކުރާ ސިލްސިލާ މުޒާހަރާ ގައުމީ ސަލާމުން ރޭ ވެސް ވަނީ މާލޭގައި ކުރިއަށް ގެންގޮސްފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ޒުވާނުން މުޒާހަރާ ކުރަނީ ޔުމްނުގެ މައްސަލައިގެ ތަހުގީގު ގެންދާ ގޮތާމެދު ހިތްހަމަނުޖެހިގެންނެވެ.
ޔުމްނު ވެއްޓުނު ހާދިސާގައި މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ރައުދު އަހުމަދު، 21، އެވެ. އެއީ ހ. ފެންޓެނޯއީގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު ވެއްޓުނު އިރު އޭނާއާއެކު އުޅުނު މީހާ އެވެ. ރައުދު ހައްޔަރު ކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ.
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް ރައީސް އުފައްދަވާފައި މިވަނީ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް މުޒާހަރާ ކުރަމުންދާ ޒުވާނުން އެކަމަށް ޑިމާންޑު ކޮށްފައި ވަނިކޮށެވެ.
ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ އެންމެ ބޮޑު އެއް ހުށަހެޅުމަކީ ޔުމްނު ވެއްޓުނު ހާދިސާ މިނިވަންކަމާ އެކު ތަހުގީގު ކުރުމަށް ހާއްސަ ކޮމިޝަނެއް އުފެއްދުމެވެ.
މި ޑިމާންޑުތަކުގެ ތެރެއިން ޔުމްނުގެ މައްސަލަ ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަލީ ސުޖާއު ވަކިވުމަށް އެދުނެވެ. އެގޮތުން އޭނާ ވަނީ އިއްޔެގެ ވަގުތެއްގައި އިސްތިއުފާ ދެއްވައިފަ އެވެ.
ނަމަވެސް ޒުވާނުން ޑިމާންޑު ކުރި ގޮތަށް އިސްތިއުފާ ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރު، އަލީ އިހުސާން އާއި ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން ވަނީ ވިދާޅުވެފަ އެވެ.
އެހެންކަމުން މި ދެވަޒީރުން އިސްތިއުފާ ދެއްވުމާއި އަދި ރައީސް މުއިއްޒު އާންމުންގެ ކިބައިން މާފަށް އެދި ޔުމްނުގެ މައްސަލަ މީހާވެސް ހާމަކަން ބޮޑު ގޮތަކަށް ބައްލަވާ އިންސާފު ލިބެންދެން މުޒާހަރާ ހުއްޓާ ނުލާނެ ކަމަށް ޒުވާޏުން ރޭ ވެސް ވަނީ ބުނެފަ އެވެ.
މިއާއެކު ރޭ ދަންވަރު ވަނީ ހައްވާ ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ. އެ ކޮމިޝަންގެ ނަމަކީ "2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަހުގީގުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަން" އެވެ.
ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެ ރިޔާސީ ކޮމިޝަންގައި ހިމެނެނީ ޑރ. މުހައްމަދު މުނައްވަރު، ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދު އަދި ޑރ. މުހައްމަދު ހަބީބު އެވެ. މިއީ ރައީސް މުއިއްޒު އުފެއްދެވި ފުރަތަމަ ރިޔާސީ ކޮމިޝަނެވެ.
އެ ކޮމިޝަންގެ ރައީސަކަށް މުނައްވަރު ހަމަޖައްސަވާފައިވާކަން ރައީސްގެ ގަރާރުގައި ބަޔާންކުރައްވާފައިވެ އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ރޭ އުފެއްދެވި ރިޔާސީ ކޮމިޝަނުން ޔުމްނުގެ މައްސަލަ ބަލައި އެ މައްސަލައާ ގުޅިގެން މިނިވަން ތަހުގީގެއް ހިންގާނެ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތަކީ ކޮބައިތޯ ބަލައި ޔުމްނު ވެއްޓުނު ހާދިސާގެ ހަގީގަތް ހޯދުމުގެ އިތުރުން އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެ ކޮމިޝަނުން އަޅާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް ރޭ ވަނީ މޭލޭޝިއާއަށް ގެންގޮސްފަ އެވެ. އިމާރާތުގެ ކުޑަދޮރުން ޔުމްނު ވެއްޓުނު މައްސަލައިގައި، އޭނާއާ އެކު އެ ރޭ އުޅުނު އަށް މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގައި، އޭނާއާ އެކު އެ އިމާރާތުގެ ތެރޭގައި އޭރު އުޅުނު ރައުދު އަހުމަދު ޒިލާލް، 21، މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.