ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި އިންސާފު ގާއިމްކުރުމަށް ގޮވާލައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން / ސޯޝަލް މީޑިއާ
ހަބަރު
އަންހެން މީހާ ވެއްޓުން: ޒުވާނުން ސަރުކާރަށް ކުރާ ޑިމާންޑް ތަކަކީ ކޮބާ؟
Qudhrathullah Ameen
ގުދުރަތުﷲ އަމީން
26 އޭޕްރީލު 2025
މާލެ ސިޓީ

މި މަހުގެ 18 ވަނަ ދުވަހު ފުރާޅެއްގެ މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު މައްސަލަ އާއި ގުޅިގެން ކަމާ ގުޅޭ އިދާރާތަކުން ކަންކުރަމުންދާ ގޮތާއި މެދު ހިތްހަމަ ނުޖެހި ރޭ ވެސް ޒުވާނުން ވަނީ މުޒާހަރާކޮށްފަ އެވެ.

ރެޔަކީ ހ. ފެންޓެނޯއީ ގެއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާގެ ތަހުގީގާ މެދު ހިތްހަމަ ނުޖެހިގެން ޒުވާނުން މުޒާހަރާތައް ކުރަން ފެށިތާ ތިން ވަނަ ރެޔެ އެވެ. ރޭގެ މުޒާހަރާއަށް އެތައް ސަތޭކަ ޒުވާނުންނާއި އާންމުން އެއްވިއިރު، އެ ޒުވާނުން ވަނީ ނުވަ ކަމެއް ކުރުމަށް ގޮވާލައިފަ އެވެ.

އެ ޑިމާންޑުތަކަކީ:

  • އިންސާފުވެރި ތަހުގީގެއް ކުރިއަށް ގެންދިޔުން

  • ތުހުމަތުކުރެވޭ ހުރިހާ އެންމެން ހައްޔަރުކޮށް، އަދަބު ދިނުން

  • ފުލުހުން ހާމަކުރި ސީސީޓީވީ ފުޓޭޖުން ބައެއް ގެއްލުނު ސަބަބު ސާފުކޮށްދިނުން

  • ތަހުގީގަށް ހޯދުނު ހުރިހާ ހެކިތައް ހާމަކުރުން

  • ފުލުހުންގެ ހިންގާ ތަހުގީގާ މެދު އިންކުއަރީއެއް ހަދައިދިނުން

  • ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުގެ ހުރިހާ މެންބަރުން އިސްތިއުފާދިނުން

  • ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއާއި ހޯމް މިނިސްޓަރު އަލީ އިހުސާނުގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރު މަގާމުން އިސްތިއުފާދިނުން

މި މައްސަލައިގައި ޔުމްނުގެ އާއިލާއާ ޒުވާނުންގެ ކިބައިން ރައީސް ޑރ. މުޙައްމަދު މުއިއްޒު މައާފަށް އެދުމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފަ އެވެ. އަދި، ޑިމާންޑުތަކުގެ ލިސްޓު ހިފައިގެން ރައީސް އޮފީހަށް ނުދާނެ ކަމަށް ވެސް ބައިވެރިން ބުނެފައިވެ އެވެ.

މި ޑިމާންޑުތަކަށް ސަރުކާރުން މިހާތަނަށް ޖަވާބެއް ދީފައި ނުވެ އެވެ. ރައީސް މުއިއްޒު މި ވަގުތާ ހަމައަށް މައާފަށް އެދިވަޑައިގެންފައި ނުވެ އެވެ. ދެ މިނިސްޓަރުންނާއި ސީޕީ ޝުޖާއު އަދިވެސް ތިއްބެވީ މަގާމުތަކުގަ އެވެ.

ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ފުލުހުން ރޭ އިރާކޮޅު ވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަަހުމަދު ޒިލާލް 21، ހައްޔަރުކޮށްފަ އެވެ. މީގެއިތުރުން އެ މައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ހަތް މީހެއްގެ ފޯނު ވެސް ހިފެހެއްޓީ އިއްޔެ އެވެ.

ޒުވާނުންގެ މުޒާހަރާ މިރެއަށް ވެސް އޮތި ރާވާފަ އެވެ. މިރޭ ވެސް މުޒާހަރާ ފަށަނީ ފުލުހުންގެ އިންވެސްޓިގޭޝަން އިމާރަތުގެ ކުރިމަތިންނެވެ. މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ޔުމްނުއަށް އިންސާފު ނުލިބެނީސް އެ މީހުން އިހުތިޖާޖު ކުރުން ނުހުއްޓާނެ ކަމަށެވެ.

ފެންޓޯނިއާގޭގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން، ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ވެއްޓި އެ ޒުވާނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފަ އެވެ. އޭނާއަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ ނަމަވެސް، އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ. އިތުރު ފަރުވާ އަށް ޔުމްނު ރާއްޖޭން ބޭރަށް ގެންދަން އުޅޭ ހަބަރުތަކެއް ވެސް ރޭ ދައުރުވި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved