މަހާޒު އަދި އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކުރަން ނިންމައިފި / ސޯޝަލް މީޑިއާ
ހަބަރު
މައްސަލަ ނިންމުމަށް ބާއްވާ ޖަލްސާ ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އަޒްމިރާލްދާ އެދެވަޑައިގެންފި
Hussain Nawaf
ހުސައިން ނަވާފް
27 އޭޕްރީލު 2025

ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ކޮމިޓީއަކުން ނިންމި ނިންމުމަށް ގޮތެއް ކަނޑައަޅަން އެ ކޮމިޝަނުން މިރޭ ބާއްވާ ޖަލްސާ ހުޅުވާލައިގެން ގެންދިއުމަށް ޑރ އަޒްމިރަލްދާ ޒާހިރުގެ ފަރާތުން އެދެފިއެވެ.

އެ ބައްދަލުވުމުގައި ވަކީލަކު ބޭނުންކޮށްގެން ވާހަކަ ފުރުސަތެއްގެ އިތުރުން ހުޅުވާލައިގެން ބާއްވާ މަޖިލީހެއްގައި މައްސަލައަށް ގޮތެއް ނިންމުމަށް ވެސް އަޒްމިރާލްދާގެ ފަރާތުން އެދިވަޑައިގެންފައިވެއެވެ.

އޭގެ އިތުރުން އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކި ކުރަން ފެންނަ ކަމަށް ބުނެ ރިޕޯޓު އެކުލަވައިލި ޖޭއެސްސީގެ ކޮމިޓީގައި ތިބި މެންބަރުން މިރޭގެ ބައްދަލުވުމުގައި ބައިވެރި ނުވާންވެސް އަޒްމިރާލްދާ އެދިވަޑައިގެންނެވިއެވެ.

ފަނޑިޔާރުން ވަކި ކުރަން ނިންމި ކޮމިޓީގައި ހިމެނެނީ މެންބަރު މުހައްމަދު ނާސިހް އާއި ޔަޒްމީދް މުހައްމަދު އާއި އަލީ އަބްދުއްލަތީފެވެ.

އޭގެ ތެރެއިން ނާސިހާއި ޔަޒްމީދަކީ ސީދާ ރައީސް މުހައްމަދު މުއިއްޒު އައްޔަންކޮށްފައިވާ ދެ ބޭފުޅުންނެވެ. އޭގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް އެ ކޮމިޓީގައި މަސައްކަތް ކުރެއްވި އެވެ.

އަޒްމިރާލްދާ މަގާމުން ވަކިކުރަން ސަރުކާރުން ބޭނުންވެއެވެ. އަދި ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ މަސައްކަތް ކުރިއަށްދަނީ ސީދާ ރައީސްގެ އިރުޝާދުގެ ދަށުންނެވެ.

މި ކޮމިޓީން ޑރ. އަޒްމިރާލްދާ އަދި މަހާޒް ވަކިކުރަން، ހިންގި ތަހުގީގަށް ބަޔާންދިން އެއްވެސް މީހަކު، އެ ދެ ފަނޑިޔާރުންގެ ސުކޫލީ މައްސަލައެއް ސާބިތުވާފަދަ އެއްވެސް ބަޔާނެއް ދީފައި ނުވިނަމަވެސް އެ ކޮމިޓީން ނިންމާފައިވަނީ ފަނޑިޔާރުން ވަކިކުރާށެވެ.

އަޒްމިރާލްދާއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލަތައް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެދުނު ނަމަވެސް އެ ފުރުސަތު ނުދޭން ޖޭއެސްސީ އިން މީގެ ކުރިން ވަނީ ނިންމާފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved