

ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަކީ ދާއިމީ ގޮތެއްގައި ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެކަމަށް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ހައްލެއް ގެނެސްދިނުމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު އެދިވަޑައިގެންފި އެވެ.
މުއްތޮލިބު މިގޮތަށް އެދިވަޑައިގަތީ ތުލުސްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ނަސީމް ކުރެއްވި ސުވާލަކަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބު ދެއްވަމުންނެވެ.
ބަންޑާރަ ގޯތި ހިލޭ ބެހުމަކީ ބޯހިޔާވަހިކަމަށް ހައްލެއް ލިބޭނެ ކަމެއް ނޫން ކަމަށް މެންބަރު ނަސީމް ވިދާޅުވި ވާހަކައަށް ތާއީދު ކުރައްވަމުން މިނިސްޓަރު މުއްތަލިބު ވެސް ވިދާޅުވީ ދާއިމީ ގޮތެއްގައި ބަންޑާރަ ގޯތި ދީގެން ކުރިއަށް ގެންދިއުމަކީ ދަތި ކަމަކަށް ވެދާނެ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ އަށް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ހައްލެއް ގެނެސްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
ތި ވިދާޅުވި ގޮތަށް ކުރިއަށްދާއިރު ދާއިމީ ގޮތެއްގައި ކުރިއަށް ދިއުމަކީ ދަތިކަމަކަށް ވެދާނެ. އެހެންވީމާ އެކަމަށް ހައްލެއް ހޯދުމަށް މަޖިލިސް ތެރެއިން، ގާނޫނެއްގެ ތެރެއިން އެ ހައްލު ހޯދައިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން،
ރައީސް މުއިއްޒުގެ ސަރުކާރުން "ހިލޭ ބަންޑާރަ ގޯތި ރައްޔިތުންނަށް ދޭން އުނދަގޫ" ކަމަށް ވިދާޅުވިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ވަނީ ގުޅިފަޅު އަދި ގިރާވަރު ފަޅު ހިއްކުމަށް ފަހު މާލޭގެ މީހުންނަށް ހިލޭ 3،000 ގޯތި ދޫކޮށްފަ އެވެ.
އަދި އެ ސްކީމުން ލިބުނު ގޯތި/ބިން ރައްޔިތުންނަށް ދިނުމަށް މި ސަރުކާރުން އަންނަނީ ތަފާތު ބަހަނާ ދައްކަމުން ނެވެ.