

ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ސުވާލު އުފެދިފައިވަނިކޮށް އެ މައްސަލަ ތަހުގީގުކުރަން ރައީސް މުހައްމަދު މުއިއްޒު އުފެއްދި ރިޔާސީ ކޮމިޝަނުން ކަށީގެ ހާއްސަ ޑޮކްޓަރު ހަބީބް އިސްތިއުފާ ދެއްވައިފި އެވެ.
އެނގިފައިވާ ގޮތުގައި ހަބީބް ކޮމިޝަނުން އިސްތިއުފާދެއްވީ ޔުމްނު ވެއްޓުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްެއާއި އާއިލީ ގުޅުން އޮންނާތީ އެވެ.
އައްޑޫ ހިތަދުއަށް ނިސްބަތްވާ ހަބީބު އާއި ރައުދުއާ ގުޅެނީ ރައުދުގެ މަންމަގެ ފަރާތުން ކަމަށް ވެއެވެ. މިކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.
ޑޮކްޓަރު ހަބީބު އެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އެ ކޮމިޝަން އުފެއްދިތާ ދެ ދުވަސްވީ ތަނާއެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި އެ ކޮމިޝަނަށް އައްޔަން ކުރެއްވީ ޑރ. ހަބީބުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދެވެ. ކޮމިޝަންގެ ރައީސަކަށް ހަމަޖައްސަވާފައިވަނީ ކުރީގެ ބަންޑާރަނައިބް ޑރ. މުނައްވަރު އެވެ.
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރަން ރިޔާސީ ކޮމިޝަނެއް އެކުލަވައިލީ ފުލުހުން އެ މައްސަލައިގެ ތަހުގީގު ކުރިއަށްގެންދާ ގޮތާ މެދު އާންމުންގެ ނުރުހުން ބޮޑުވެފައިވަނިކޮށެވެ.
މި މައްސަލަ ތަހުގީގުކުރަން ރައީސް މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނެއް އަންހެން މެންބަރަކު ނެތުމުން އެކަމަށް ވެސް ބައެއް މީހުން އަންނަނީ ފާޑުކިޔަމުން ނެވެ.
ފުލުހުން ބުނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް، ފުލުހުުންގެ ތަހުގީގަށް އިތުބާރު ގެއްލިފައި ވާކަމަށް ބުނެ ގިނަ ޒުވާނުންތަކެއް ވަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާއެއް ފަށައިފަ އެވެ.
އެ މީހުން ޑިމާންޑު ކުރަނީ މި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދީ އިންސާފު ގާއިމްކޮށްދިނުމާއި، އިހުމާލުވީ ކަމަށް ތުހުމަތުވާ ސަރުކާރުގެ ސިޔާސީ މީހުން މަގާމުން އިސްތިއުފާ ދިނުމަށެވެ.
އޭގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ކަމުގައި ހުންނެވި އަލީ ޝުޖާއުއާއި، ހޯމް މިނިސްޓަރު އަލީ އިހުސާނު ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ހިމެނެއެވެ.
މި އަޑުތައް ގަދަވެފައި ވަނިކޮށް، ސީޕީގެ މަގާމުން ޝުޖާއު ވަނީ މިފަހުން އިސްތިއުފާ ދެއްވައިފަ އެވެ.
ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް ރޭ ވަނީ މޭލޭޝިއާއަށް ގެންގޮސްފަ އެވެ. އިމާރާތުގެ ކުޑަދޮރުން ޔުމްނު ވެއްޓުނު މައްސަލައިގައި، އޭނާއާ އެކު އެ ރޭ އުޅުނު އަށް މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގައި، އޭނާއާ އެކު އެ އިމާރާތުގެ ތެރޭގައި އޭރު އުޅުނު ރައުދު އަހުމަދު ޒިލާލް، 21، މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.