ގައުމަށާ ރައްޔިތުންނަށް ޚިދުމަތްކޮށް ކަންކަން ރަގަޅު ކުރަން ފުރުސަތު ލިބުމުން ބަހަނާ ނުދައްކަވާ ކަންކަން ރަގަޅުކުރުމަށް، ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ދާޚިލީ ވަޒީރު އަލީ އިހުސާނަށް ގޮވާލައްވައިފިއެވެ.
އާދިއްތަ ދުވަހުގެރޭ ބޭއްވި ޓައުން ހޯލު ޖަލްސާގައި ރައީސް ޔާމީން ވަނީ އިހުސާން އެމަނިކުފާނަށް އަމާޒުކުރައްވާ ވިދާޅުވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން ރައީސް ޔާމީނަށް ގައުމުގައި ވެރިކަން ކުރުމަށް ލިބުނު ފުރުސަތުގައި އެމަނިކުފާނު ބޭނުންފުޅުވި ނަމަ ފުލުހުންގެ އިދާރާވެސް ރަގަޅު ކުރެވީސްކަމަށް އިހުސާނު ވިދާޅުވި ވިދާޅުވުމާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، ވާނުވާ ބަންދަކީ ފުލުހުން ކުށުގައި ތުހުމަތު ކުރާ މީހާ ވަރުބަލިކޮށްލާ ނަފްސާނީ ގޮތުން ބަލިކަށި ކުރަން ޖަހާ ބަންދެއް ކަމަށާ އެހެންކަމުން އެކަން ފަނޑިޔާރުންވެސް ޒިންމާދާރު ކަމާ އެކު ބަލާ އަދުލުން ހުކުމް ކުރަން ޖެހޭ ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ފުލުހުން ވާނުވާ ބަންދުގެ ނަހަމަ ބޭނުން ހިފަމުންދާއިރު އެކަންކަން ހުއްޓުވާ ތަން ހަމަ މަގަށް އެޅުވުމަކީ ހޯމް މިނިސްޓަރުގެ ޒިންމާއެއް ކަމަށެވެ. އެ ވާހަކަ އެމަނިކުފަނު ތަކުރާރުކޮށް ދައްކަވަމުންދާތީ އިހުސާނު ކޯފާ އިސްކުރި ނަމަވެސް ހަގީގަތަކީ ރައީސް ޔާމީންގެ ދައުރުގައި އެ މުއައްސަސާ ހިނގިކަން ކަމަށެވެ.
އެމަނިކުފާނުގެ ޒައާމަތުގައި އެމަނިކުފާނާ ދެކޮޅަށް ވެސް ރޭވުންތަކެއް ރޭވިކަމާ އެކަންކަމުގެ ފުލުހުންގެ އިސްވެރިންވެސް ހިމެނޭކަމަށާ އެހެންކަމުން މިއަދު އިހުސާންމެންނަށް ކަންކަން ރަގަޅު ކުރުމުގެ ބަދަލުގައި ބަހަނާ ދައްކަމުންދާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ވަނީ އެހެން މީހުންގެ ބޮލަށް ކަންކަން ޖެހުމުގެ ބަދަލުގައި ޒިންމާ އަދާ ނުކުރެވޭ ނަމަ އިހުސާންމެން އިސްތިއުފާދީފައި ދުރަށް ދިއުމަށް ވެސް ގޮވާލައްވާފައެވެ.
ރައީސް ޔާމީން ވަނީ ކިތަންމެ ރުޅި އަޔަސް އިހުސާންއަށް ދެ އަހަރު ލިބުނުއިރު ފުލުހުންގެ މުއައްސަސާ ރަގަޅުކުރަން ކުރެވުނު ކަމެއް ނެތް ކަމަށްވެސް ވިދާޅުވެފައެވެ.