ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަކީ ގޭންގް މާފިއާ ހިންގާ ވެރިކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، އާދިއްތަ ދުވަހުގެރޭ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުގައި ހަރަކާތްތެރިވަނީ ކޮރަޕްޝަން ހިންގައިގެން އަބުރު ކިލަނބުވެފައި ތިބި މީހުންނެވެ. އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ ފަރާތްތައް ގޮވައިގެން ރައީސް މުއިއްޒު އުޅުއްވާއިރު، ރައްޔިތުން އެމީހުންގެ ހައްގުތަކަށް އެދި އާދޭސް ކުރަމުން އަންނައިރުވެސް މުއިއްޒުގެ ފަރާތުން އެކަށީގެންވާ ސަމާލުކަން ރައްޔިތުންނަށް ދެމުންނުދާ ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ފަރާތުން ރައީސް މުއިއްޒުއަށް ދެންވެސް އެއްވެސް ދިންނެވުމެއް ލިބޭނީ ހޯމް މިނިސްޓަރު އަލީ އިހުސާން ފަދަ މީހުން މަގާމުން ދުރުކޮށްގެން ކަމަށެވެ. ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ރަށްރަށަށް ގޮސް ރައްޔިތުންގެ ވާހަކަތައް އަޑުއަހާއިރު، ރައްޔިތުންގެ ހައްގުތަކަށް އިހުމާލުވާ ފަރާތްތައް ގޮވައިގެން ރައީސް މުއިއްޒު އުޅުއްވުމަކީ ރައްޔިތުންނަށް ކުރެވޭ ބޮޑު މަލާމާތެއް ކަމަށެވެ.
"މިމީހުން ގޮވައިގެން އުޅެވޭކަށްވެސް ނެތް، ނުލާ އުޅެވޭކަށްވެސް ނެތް. މި ހާލުގަ މުއިއްޒު އެހެރީ އިނގޭތޯ. މިއީ މިކަހަލަ ކޮރަޕްޝަނާ ވައްކަމުން އަބުރު ކިލަނބުވެފަ ތިބި ބައިގަނޑެއް އިގޭތޯ މިއީ"
މިނިސްޓަރު އިހުސާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ، އިހުސާނަކީ ދިވެހި ރައްޔިތުންގެ ޝަޚުސުން ފާޅުގައި ވައްކަންކޮށްފައިވާ މީހެއް ކަމަށާއި، ކޮމްޕްރޮމައިޒްވެފައި ހުރި މިފަދަ މީހެއް މިނިސްޓަރު ކަމަށް ލައިގެން ދިވެހި ފުލުހުންގެ އިދާރާ ފުޑާލައި، އެ މުއައްސަސާއަށް ރައްޔިތުންގެ އޮތް އިތުބާރު ނަގާލާފައިވާ ކަމަށެވެ. މީގެ އިތުރުން، ފުލުހުންގެ އިދާރާ ފެއިލްވުން ރައީސް ޔާމީންގެ ބޮލުގައި ނާޅުވާ ދެ އަހަރު ވީއިރު، އިހުސާނަށް ކުރެވުނީ ކޮން ކަމެއްތޯ އެމަނިކުފާނު ވަނީ ސުވާލުކޮށްފައެވެ.
ރައީސް ޔާމީންގެ މި ބަސްފުޅުތަކަކީ، މިހާރުގެ ސަރުކާރުގެ އިދާރީ ހިންގުމާއި، ސަރުކާރުގައި ހިމެނޭ ބައެއް ވަޒީރުންގެ އަމަލުތަކާ މެދު އާންމުންގެ ތެރޭގައި ހުރި ކަންބޮޑުވުންތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.