ހަބީބް ކޮމިޝަނުން އިސްތިއުފާ ދެއްވުމުން އިތުރު 3 ބޭފުޅަކު އައްޔަންކުރުން / ޕީއެސްއެމް
ހަބަރު
ހަބީބް ކޮމިޝަނުން އިސްތިއުފާ ދެއްވުމުން އިތުރު 3 ބޭފުޅަކު އައްޔަންކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
28 އޭޕްރީލު 2025
މާލެ ސިޓީ

ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) މިމަހުގެ 18 ވަނަ ދުވަހު އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުމާ ގުޅިގެން އެ ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ހާއްސަ ކޮމިޝަނަށް ބަދަލުތަކެއް މިއަދު ގެންނަވައިފި އެވެ.

ރައީސް މުއިއްޒު މިމަހުގެ 27 ވަނަ ދުވަހު އެންމެ ފުރަތަމަ ކޮމިޝަން އުފެއްދެވީ ތިން މެންބަރުން އެކުލެވޭ ގޮތަށެވެ. އެގޮތުން ކޮމިޝަންގައި އޭރު ހިމެނުއްވި ބޭފުޅުންނަކީ ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރާއި، މަޝްހޫރު ކަށީގެ ޑޮކްޓަރު މުހައްމަދު ހަބީބުގެ އިތުރުން ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު އެވެ.

ކޮމިޝަނަށް މިއަދު ބަދަލުތަކެއް ގެންނަވާފައި މިވަނީ ކޮމިޝަންގެ މެންބަރު ކަމުން ޑރ. ހަބީބް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އޭގެ ފަހުން، ރައީސްގެ ގަރާރަކުން ވަނީ ކޮމިޝަނަށް ބަދަލުގެންނަވައިފަ އެވެ. އެ ކޮމިޝަންގައި މިހާރު ހިމެނެނީ މުނައްވަރާއި އަހުމަދު މުހައްމަދުގެ އިތުރުން:

  • ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641

  • ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ

  • އާމިނަތު އީނާސް، ހ. ހަބަރުގެ

އޭގެ ތެރެއިން އީނާސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ރައީސްކަން ކުރައްވައި، މި ސަރުކާރުން އުފެއްދި ފުލެޓާއި ގޯއްޗާ ބެހޭ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ރައީސް ގަރާރަކުން އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް މިއަދު ބަދަލުތަކެއް ގެންނެވި ނަމަވެސް ކޮމިޝަނަށް ލިބިދޭ ބާރުތަކާއި އިމްތިޔާޒުތަކަށް ބަދަލު ގެންނަވާފައެއް ނުވެ އެވެ. ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް މުއިއްޒު ކަނޑައެޅުއްވުމާ ހަމައަށް މި ކޮމިޝަން ދެމިއޮންނާނެ އެވެ.

ރިޔާސީ ކޮމިޝަނުން ޔުމްނުގެ މައްސަލަ ބަލައި އެ މައްސަލައާ ގުޅިގެން މިނިވަން ތަހުގީގެއް ހިންގާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. އަދި އެ މައްސަލައާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތަކީ ކޮބައިތޯ ބަލައި ޔުމްނު ވެއްޓުނު ހާދިސާގެ ހަގީގަތް ހޯދުމުގެ އިތުރުން އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެ ކޮމިޝަނުން އަޅާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް މުއިއްޒު ހާއްސަ ކޮމިޝަނެއް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ. ޔުމްނު ވެއްޓުމުން ލިބުނު އަނިޔާތަކަށް ފަރުވާ ދޭން އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. އެ އަށް ފަހު، އިތުރު ފަރުވާއަށް މެލޭޝިއާ އަށް ފުރުވާލީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.

އިމާރާތުގެ ކުޑަދޮރުން ޔުމްނު ވެއްޓުނު މައްސަލައިގައި، އޭނާއާ އެކު އެ ރޭ އުޅުނު އަށް މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގައި، އޭނާއާ އެކު އެ އިމާރާތުގެ ތެރޭގައި އޭރު އުޅުނު ރައުދު އަހުމަދު ޒިލާލް، 21، މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved