ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު / އިމިގްރޭޝަން
ހަބަރު
ޝަމްއާންގެ ބަންދު މައްސަލައިގައި ހުކުމްކުރުން މާދަމާ މެންދުރު
Qudhrathullah Ameen
ގުދުރަތުﷲ އަމީން
28 އޭޕްރީލު 2025
މާލެ ސިޓީ

ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް މާދަމާ އިއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

ޝަމްއާންގެ މައްޗަށް ކުރަނީ އިމިގްރޭޝަނުން ކުރިއަށް ގެންދާ ރެއިޑެއްގެ ތެރެއިން އަތުލައިގެން ބިދޭސީއަކު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންދިއުމަށްފަހު އޭނާގެ އަތުން ފައިސާ ނަގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދޫކޮށްލަން އެންގެވިކަމުގެ ތުހުމަތެވެ.

ޝަމްއާން ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓަށް ވަދެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ފައިސާވެސް ހޯދާފަ އެވެ. އަދި ޝަމްއާން ދިރިއުޅޭ އެޕާޓްމަންޓުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުވެސް ފުލުހުން ގެންގޮސްފައިވެ އެވެ.

ކޮރަޕްޝަންގެ ތުހުމަތުކޮށް ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ ތެރޭގައި ކަމަށްވާއިރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ޖެހީ 15 ދުވަހެވެ. އެ މުއްދަތު ހަމަވުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި އަމުރުތައް ޝަމްއާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، އެ މައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ވެސް ދިގު ބަހުސްތަކެއް ކޮށްފައިވެ އެވެ. އެ އަޑުއެހުން ނިންމާލުމުގެ ކުރިން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ މި މައްސަލައިގައި ހުކުމް ކުރުން ކަމަށް އިއުލާންކޮށްފަ އެވެ.

މި މައްސަލައިގައި ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން އޮންނާނީ މާދަމާ މެންދުރު 13:15 ގަ އެވެ.

ޝަމްއާންގެ އިސްތިއުނާފް ބަލައިގަންނަން ނިންމީ ރަޖިސްޓްރާގެ ނިންމުން މުރާޖައާކުރުމަށް ޝަމްއާންގެ ފަރާތުން ހުށަހެޅުމުން، ރަޖިސްޓްރާގެ ނިންމުން ބާތިލްކޮށްފަ އެވެ.

އެގޮތުން ޝަމްއާން ހައްޔަރު ކުރީ ކަނޑައެޅިގެން ހަގީގަތާ ޚިލާފުދޮގު ތުހުމަތެއްގެ މައްޗަށް ބިނާކޮށް ސައްހަ ނޫން ހެކިތައް ވުޖޫދުކޮށްގެން ކަމާއި ޝަމްއާން ހައްޔަރުކޮށް، ވާނުވާ ޖަހާފައިވަނީ ސިޔާސީ އަދި ޒާތީ ހަސަދަވެރިކަމެއްގެ ސަބަބުންކަމަށް އެ ބަޔާނުގައި އާއިލާއިން ތުހުމަތު ކުރެއެވެ.

އަދި މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަނުގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މަގާޟުން ވަކިކޮށް އޭނާ ބަންދުގައި ބަހައްޓައިގެން އުޅެނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ "ވީޑިއޯ"އެއް ޝަމްއާން އަތުގައި އޮތްކަން އެނގުމުން ކަމަށް އޭނާގެ އާއިލާއިން އަންނަނީ ބުނަމުން ނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved