

ދޯންޏެއް ގެއްލިފައިވާތީ އެކަމުގެ މައުލޫމާތު އެނގޭނަމަ ހިއްސާކުރަން އެދިއްޖެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، 2025 އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެއް ވަނީ ގެއްލިފައެވެ. މި ދޯނީގައި ތިބީ 5 މީހުންކަމަށާ އެއީ 3 ދިވެހިންނާއި 2 ބިދޭސީން ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުގެ ދަންވަރު 2:40 ގައި ކަމަށްވާއިރު، އެއިރު ކެޕްޓަން ވިދާޅުވެފައިވަނީ ހުވަދޫ ކަނޑަށް ނުކުތްތާ މާ ގިނައިރު ތަކެއް ނުވާ ކަމަށް ކަން ފުލުހުން މައުލޫމާތު ދީފައިވެއެވެ. އޭގެ ފަހުން ދޯންޏާ ގުޅިފައެއް ނުވެއެވެ.
މި މައްސަލަ މިއަދު ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކުރެވި، އެމް.އެން.ޑީ.އެފްގެ ސަދަން ރީޖަން ކޮމާންޑަށް ވަނީ މައުލޫމާތު ދީފައެވެ. ދޯނި ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް އަންގަވައިދެއްވުމަށް ވަނީ އެދިފައެވެ.