

ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓުމުގެ ހާދިސާގެ ކުރިން އެ ރޭ އޭނާ ފުރަތަމަ ދިޔަ މއ. މާންދޫގެ ދެކުނުގޭގެ އެއްވެސް ސީސީޓީވީ ފުޓޭޖެއް ފުލުހުންނަށް ނުލިބޭ ކަމަށް މިއަދު ބުނެފި އެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ބުނީ އަމީންގެ ގޭގެ ސީސީޓީވީ ފުޓޭޖު ފުލުހުންނަށް ނުދިނީ ސީސީޓީވީ ކެމެރާ ހަލާކުވެފައި ހުރި ކަމަށް ބުނެ ކަމަށެވެ.
މއ. މާންދޫގެ ދެކުނު ގޭގެ ސީސީޓީވީ ފުޓޭޖު ފުލުހުންގެ ތަހުގީގަށް ލިބިފައި ނުވޭ. އެގެއިން ފުލުހުންނަށް މައުލޫމާތު ދީފައިވަނީ ސީސީޓީވީ ކެމެރާ ހަލާކުވެފައިވާ ކަމަށް،
ފުލުހުން އިތުރަށް ބުނީ ސީސީޓީވީ ފުޓޭޖު ނެތްކަން ކަށަވަރު ކުރުމަށް ފުލުހުން ކުރި މަސައްކަތުން ފުޓޭޖު ނެތްކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅޭ ގޮތުން މީގެ ކުރިން އަމީން ވިދާޅުވެފައިވަނީ މާންދޫގެދެކުނުގެއަކީ އޭނާއާއި އޭނާގެ އެއްބަނޑު އެއްބަފައި ތިން މީހެއްގެ ގެއެއް ކަމަށާއި އެ ގޭގައި ކަމެއް ހިނގިކަން ވެސް އެނގުނީ 18 ވަނަ ދުވަހުގެ ހަވީރު ކަމަށެވެ.
މިނިސްޓަރު އަމީންގެ ގެ ފުލުހުން ބަލައި ފާސްކުރުން ލަސްވުމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވި އެވެ. އަދި ހެކި ނައްތާލަން ފުރުސަތު ދިން ކަމުގެ އިނގިލިތައް ވެސް އެ މުއައްސަސާއަށް އަމާޒުވި އެވެ.
އެ މައްސަލައިގައި ހިމެނޭ މީހުންގެ ޕާސްޕޯޓް ހިފަހައްޓައި، ނުވަ މީހެއްގެ ފޯނު ހޯދައިފައިވާއިރު، މިހާތަނަށް ހައްޔަރުކޮށްފައިވަނީ އެންމެ ފަހުން ޔުމްނުއާއެކު އުޅުނު ރައުދެވެ. އޭނާގެ ބަންދަށް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ.
ފުލުހުން ބުނާ ގޮތުގައި ޔުމްނު ވެއްޓުނީ އަމިއްލައަށެވެ. ނަމަވެސް ހާދިސާ ހިނގި ރޭ ޔުމްނު އާއި ރައުދާ ދެމެދު ހަމަނުޖެހުންތަކެއް ހިނގައިފައިވާ ކަމަށް ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓުގައި ބުނެފައިވެ އެވެ.