

ޖީލެއް ދުންފަތުން ސަލާމަތް ކުރުމަށްކަމަށް ބުނެ ރާއްޖޭގައި ވޭޕް ކުރުން މަނާކޮށް ދުންފަތުން ނަގައި ޓެކްސް ބޮޑު ކުރި ފަހުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅޭ ސިނގިރޭޓު އަތުލައިގަތުން އިތުރުވެއްޖެއެވެ.
ރާއްޖޭގެ ކަސްޓަމްސްއިން ވަނީ މިމަހުގެ 26ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގަނެފައެވެ.
އެގޮތުން އެ ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށްވެއެވެ.
ކޮންޓެއިނަރުތައް ފާސްކުރުމުގެ ތެރޭގައި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގެ ތެރެއިން 1،360 ކޭސް ސިނގިރޭޓު ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ. އެއީ ޖުމްލަ 13.6 މިލިޔަން ސިނގިރޭޓެވެ.
އެއާއިކު ކަސްޓަމްސް ސަރވިސް އިން ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު މި މަހުގެ 19ވަނަ ދުވަހުގައިވެސް އަތުލައިގެންކަންވެސް ފާހަގަ ކުރެވެއެވެ.
މީގެ އިތުރުން ޖެނުއަރީ މަހުގެ 31ވަނަ ދުވަހުގައިވެސް މާލޭގައި ސިނގިރޭޓު އުފައްދަމުންދާކަމަށް ތުހުތުކުރެވޭ ތަނެއް ބަލައި ފާސްކޮށް 103 ފޮށިގަނޑު އަތުލައިގެންފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މައުލޫމާތު ދީފައެވެ.
މިފަދައިން ކަންކަން ހުރި އިރު ރައްޔިތުންދަނީ ދުންފަތުން ނަގައި ޓެކްސް ބޮޑު ކުރީ ވަކި ބަޔަކަށް އިތުރަށް ފައިދާ ހޯދުމުގެ މަގުސަދުގައިކަމަށް ތުހުމަތު ކުރަމުންނެވެ.