
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށް މިއަދު އިއުލާންކޮށްފިއެވެ. މި އިއުލާނުގައި ވަޒީފާއަށް ކުރިމަތިލުމަށް ދީފައިވަނީ އެންމެ ހަތަރު ދުވަހުގެ ކުރު މުއްދަތެކެވެ.
ކަސްޓަމްސްއިން މިއަދު އާންމުކުރި އިއުލާނުގައިވާ ގޮތުން "އެސިސްޓަންޓު ކަސްޓަމްސް އޮފިސާ ޓްރޭނީ" ގެ މަގާމަށް 48 މީހަކު ބޭނުންވެއެވެ. މި މަގާމުގެ އަސާސީ ޝަރުތަކީ ސާނަވީ އިމްތިހާނުގެ (O'Level) މަދުވެގެން ދެ މާއްދާއިން 'ޑީ' ފާސް ލިބިފައިވުމާއެކު، ދިވެހި މާއްދާއިން 'ސީ' ފާސް ހޯދާފައިވުމެވެ.
މި މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހު ވަގުތަކީ އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުގެ ރޭގަނޑު 23:00 އެވެ. މި ވަޒީފާގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 10,000 ރުފިޔާއަށްވުރެ ބޮޑު އަދަދެއް ލިބޭނެ ކަމަށް މައުލޫމާތު ލިބެއެވެ.
އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބާ ދިމާކޮށް، ސަރުކާރުގެ އެކި އިދާރާތަކުން ގިނަ އަދަދެއްގެ ވަޒީފާތަކަށް މީހުން ނަގަމުންދާކަން ފާހަގަކުރެވެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބާ ދިމާކޮށް ވަޒީފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައިވީ ނަމަވެސް، ފެންނަމުންދާ މަންޒަރުތަކުން އެ ވާހަކަފުޅާ އަމަލާ ދިމާނުވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ޚާއްޞަކޮށް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އިޤްތިޞާދީ ގޮތުން ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި މިހާ ގިނަ އަދަދެއްގެ ވަޒީފާ އުފެއްދުމަކީ ކަންބޮޑުވުން އޮތް ކަމެކެވެ. ސޯޝަލް މީޑިއާގައި ދައުރުވާ މައުލޫމާތުތަކަށް ބަލާއިރު، މި ހަފުތާގެ ތެރޭގައި އެކަނިވެސް ޔޫތު މިނިސްޓްރީއަށް ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ވަނީ އައްޔަންކޮށްފައެވެ. އަދި ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ ފަސް މީހަކަށް ވަޒީފާ ދީފައެވެ.
މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ދަނީ އިންތިޚާބާ ދިމާކޮށް ބޮޑު މުސާރައިގައި ގިނަ ބަޔަކަށް ވަޒީފާ ދެމުންނެވެ. އޭގެ ތެރޭގައި އެއްވެސް މަޝްރޫޢެއް ކުރިއަށް ނުދާ ރަށްރަށުން އެކި މަގާމުތަކަށް މީހުން އައްޔަންކުރަމުންދާކަން ފާހަގަކުރެވެއެވެ. މިކަމަކީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.










