

އަނިޔާ ލިބޭ މީހުންނަށް ޅެމުން ފަރުވާ ދިނުމާ ގުޅޭ ގޮތުން، ދިވެހިބަހާއި ތާރީޚާއި ސަގާފަތާ ބެހޭ މިނިސްޓްރީން ފުލުހުންނާ މަޝްވަރާކޮށްފި އެވެ.
ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީން ބުނީ ދިވެހި ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ އިސްބޭފުޅުންނާއި މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް އިއްޔެ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަންވަރު ނައީމާއި އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހީމް އަޝްރަފް އަދި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ ސަޕޯޓް އޮފިސަރު ފާތިމަތު ރީމާ އެވެ. މިނިސްޓްރީގެ ފަރާތުން ބައެއް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގައި ދެ އިދާރާ ގުޅިގެން އެކިކަހަލަ ދިރާސާތައް ހެދުމުގައި ހެރިޓޭޖު މިނިސްޓްރީގެ ފަރާތުން ފުލުހުންެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުން ކުރާ މަސައްކަތްތަކުގައި މިނިސްޓްރީގެ އެހީތެރިކަން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
މި ބައްދަލުވުމަކީ ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ގާތުން އެންމެ ރަނގަޅަށް ފޯރުކޮށްދިނުމަށްޓަކައި އެކި އިދާރާތަކާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ކުރިއަށް ގެންދާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
މިދިޔަ އަހަރުގެ ޅެންވެރިންގެ ދުވަހުގެ ޖަލްސާގައި އާދަމް ނަސީރު ވަނީ، ދިވެހި ޅެމުން ނަފުސާނީ ފަރުވާދެވޭތޯ ބެލުމަށްޓަކައި ދިރާސާއެއް ކުރުމަށް ނިންމައިފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަމަށް ޓަކައި މިދިޔަ އަހަރުގެ މެއި މަހު "ޕޮއެޓްރީ ތެރަޕީ"އަށް ދިވެހި ނަމެއްގެ ގޮތުގައި "ޅެން ފަރުވާ" ފާސްކޮށް، ދިރާސާ ހެދުމުގެ މަސައްކަތްވަނީ ގައުމީ ޔުނިވާސިޓީއާ ހަވާލުކޮށްފަ އެވެ.