

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ މިއަދު ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޖަގަހައަކަށް ބަދަލުވެފައިވާ މުއައްސަސާއެއްގެ ގޮތުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސިފަކުރައްވައިފިއެވެ.
ޗެނަލް13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުމަރު ވަނީ ދާދި ފަހުން ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ފްރޭމުކޮށް ސަސްޕެންޑްކުރި ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އެކަމުގައި ސަރުކާރަށް އެހީތެރިވެދިނީ އޭސީސިގެ ރައީސް އާ ޖޭއެސްސީގެ މެމްބަރުން ކަމަށް ވެސް އުމަރު ތުހުމަތު ކުރެއްވިއެވެ.
އުމަރު ވިދާޅުވި ގޮތުގައި މިއަދު ސުޕްރީމު ކޯޓުގައި ތިއްބެވީ މިފަހަކަށް ބަލާއިރު ރާއްޖޭގައި އެކުލަވާލި އެންމެ ވަރުގަދަ ބެންޗު ކަމަށާ އެ ފަނޑިޔާރުންނަށް ފިޔަވަޅު އެޅީ މައްސަލަތަކެއް އުފަން ކުރުވައިގެން ކަމަށެވެ. އެގޮތުން އޭސީސީއިން ފަނޑިޔާރުންގެ މައްސަލަތަކެއް ބަލާ ކަމަށް ބުނެ ސިޓީއެއް ފޮނުވިއިރު އެ ސިޓީއަކީ އެ ކޮމިޝަންގައި ރަޖިސްޓްރީވެސް ކޮށްފައި އޮތް ސިޓީއެއް ނޫން ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އޭގެން ފެނިގެން ދިޔައީ އޭސީސީގެ ރައީސްގެ ފެންވަރު ކަމަށާ މިއަދު އޭސީސީއާ ޖޭއެސްސީ އަދި މަޖިލިސް ފަދަ އިދާރާތައް ފެނިގެން ދަނީ ޕީއެންސީގެ ޖަގަހައެއްގެ ގޮތުގައި އޮޕަރޭޓުކުރަމުން ގެންދާ މަންޒަރުކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފައެވެ.
އުމަރު ވިދާޅުވީ، އިދާރާތަކުން ރައީސް މުއިއްޒުގެ އެންގެވުމަށް ކުރަމުން ގެންދާ ޣައިރު ގާނޫނީ ކަންތައްތަކުގެ ސަބަބުން ރައްޔިތުންގެ އިތުބާރު އެ މުއައްސަސާތަކަށް ގެއްލިގެން ދާ ކަމަށެވެ.