އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރާއްޖޭގެ ތިން ނައިބު މިނިސްޓަރަކު ބަދުބަސް ރައްދުކުރެއްވި ކަމަށް ބުނާ މައްސަލާގައި އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމަށް ބުނެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން 3 ނައިބުން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.
ވަޒީރު ޒަމީރު މަޖިލިހަށް ހާޒިރުކުރަން ހުށައަޅާފައިވާކަން ހާމަކޮށްފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު މީކާއީލް ނަސީމު ކުރެއްވި ޓްވީޓެއްގައެވެ.
ޒަމީރާ ސުވާލުކުރެއްވުމުގެ އިތުރުން މި މައްސަލާގައި ސަސްޕެންޑުކޮށްފައިވާ ތިން ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން ސަރުކާރުގެ ކަމާ ބެހޭ އެންމެހާ ފަރާތްތައް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހާޒިރުކުރަން ވެސް މީކާއީލް ވަނީ އެދިވަޑައިގެންފައިވެ އެވެ.
އެގޮތުން ހުށައަޅާފައިވާ ނޯޓިސްގައި ވަޒީރާ ކުރަން ބޭނުންވާ ސުވާލުތަކުގެ ތެރޭގައި ސަރުކާރުން ރަސްމީ ސިފައެއްގައި އިންޑިއާގެ ކިބައިން މާފަށް އެދިފައި ނުވަނީ ކިއްވެތޯ ވެއެވެ. އަދި ހަމައެހެންމެ އެ 3 ވަޒީރުން މަގާމުން ވަކި ނުކުރާ ސަބަބުވެސް ވަނީ އައްސަވާފައެވެ.
ރައްޔިތުންގެ މަޖިލިސް މިވަގުތު އޮތީ ޗުއްޓީގައެވެ. އެހެންކަމުން މިކަމަށް ހާއްސަ ޖަލްސާއެއް ނުބާއްވާނަމަ ޒަމީރު އެންމެ އަވަހަށް ވެސް ހާޒިރުކުރެވޭނީ އަންނަ ފެބްރުއަރީގައި މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ ޖަލްސާތައް ފެށުމުންނެވެ.
މީގެ ކުރިން ދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައިވާ ފަރާތްތަކާމެދު މަޖިލީހަށް ހާޒިރުކޮށް ފިޔަވަޅު އަޅާފައިނުވާ އިރު އިންޑިއާގެ ބޮޑުވަޒީރަށް ބަދުބަސް ރައްދުކޮށް ވާހަކަ ދެއްކުމުން މަޖިލީހަށް ހާޒިރު ކުރަން ނިންމާފައިވަތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.