

މި މަހުގެ މިހާތަނަށް އައިއިރު ރަށްރަށު އިމާމުންގެ މުސާރަ ޖަމާވެފައި ނުވާ ކަމަށް ބައެއް އިމާމުން ބުނެފި އެވެ.
އުތުރުން ވާހަކަ ދެއްކި ދުވަސްވީ އިމާމަކު ބުނީ އޭނާ އިމާމު ކަމުގައި ހޭދަ ކުރާތާ 15 އަހަރު ވެއްޖެ ކަމަށާއި މިއަހަރުގެ މިމަހު ނޫނީ އަދި މުސާރައިގެ މައްސަލަ އެއް ދިމާ ނުވާ ކަމަށެވެ.
ދެކުނު ރަށެއްގެ ޒުވާން އިމާމަކު ބުނީ މުސާރަ ލިބުން ލަސްވާނެކަން ކުރިން އިނގިފައި ނެތުމުން އުނދަގޫވި ކަމަށާއި އަދި މިހާރު މި މަހުގެ މުސާރަ ލިބެންދެން މީހަކު އަތުން ފައިސާ ކޮޅެއްނަގާ ކުރަން ހުރި ކުއްލި ހަރަދުތައް ނިންމާފަ ވާކަމަށެވެ
އިތުރު އިމާމަކު ބުނި ގޮތުގައި އާއްމުކޮށް ކޮންމެ މަހެއްގެ ވެސް އެކެއްގެ ކުރިން މުސާރަ ޖަމާވެ އެވެ. އަދި ބަންދު ދުވަހަކާ ދިމާވެއްޖެނަމަ ދުރާލާ ޖަމާކޮށްދޭ ކަމަށް އޭނާ ބުންޏެވެ.
އިމާމުންގެ މުސާރަ ނުލިބޭކަމުގެ ޝަކުވާއޮތް ނަމަވެސް ސަރުކާރުގެ ސިޔާސީ މުވައްޒަފުން ހިމެނޭހެން ސިވިލްސާވިސް އަދި ސިފައިން ފުލުހުން ޖުމްލަކޮށް ގިނަ ސަރުކާރު މުވައްޒަފުންގެ މުސާރަ މިހާރު ވަނީ ޖަމާވެފަ އެވެ.
މުސާރަ ތައްޔާރުކުރާ ސިސްޓަމަށް ދިމާވި މައްސަލައަކާ ހެދި މި މަހު ރަށްރަށު އިމާމުންގެ މުސާރަ ލިބުން ލަސްވާނެ ކަމަށާއި މައްސަަލަ ހައްލުކޮށް މުސާރަ ދެވޭނެ ދުވަހެއް އަދި ޔަގީންކަމާ އެކު ބުނަން ނޭނގޭ ކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.
އިމާމުންގެ ތެރޭގައި އެލަވަންސް ލިބޭ އިމާމުންނާއި މުސާރަ ލިބޭ އިމާމުން ތިބެ އެވެ. މުސާރަ ލިބެނީ ދާއިމީ ވަޒީފާގައި ތިބޭ އިމާމުންނަށެވެ. މައްސަލަ ދިމާވެ މުސާރަ ލަސްވީ ކިހާ އިމާމުންނަކަށް ކަމެއް މިނިސްޓްރީއަކުން ނުބުނެ އެވެ.