

އިންޑިއާއިން މިރޭ ޕާކިސްތާނަށް ހަމަލާދިން ވަގުތު އިންޑިއާގެ އަސްކަރީ ފަސް ޖެޓް ވައްޓާލާފައިވާނެ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފި އެވެ.
އިންޑިއާގެ އަސްކަރީ ފަސް ޖެޓް ވައްޓާލިކަން ކަށަވަރު ކޮށްދެއްވަމުން ޕާކިސްތާނުގެ ދިފާއީ ވަޒީރު ހަވާޖާ މުހައްމަދު އާސިފް ވިދާޅުވިގޮތުގައި ޕާކިސްތާނުން ވައްޓާލި އިންޑިއާގެ ފައިޓާ ޖެޓްތަކުގެ ތެރޭގައި ހިމެނެނީ ފަސް ޖެޓެކެވެ. އެއީ ފަރަންސޭސިވިލާތުގައި އުފައްދާ ރަފަލް މަރުކާގެ ތިން ޖެޓަކާއި ރަޝިއާގައި އުފައްދާ އެސްޔޫ-30 މަރުކާގެ ޖެޓަކާއި މިގް-29 މަރުކާގެ ޖެޓެކެވެ.
އިންޑިއާގެ ފަސް ޖެޓް ވައްޓާލި ކަމަށް ޕާކިސްތާނުގެ ދައުލަތުގެ މީޑިއާއިން ވެސް ބުނެފައި ވާއިރު މި ވާހަކަތަކަށް އިންޑިއާއިން އަދި ޖަވާބެއް ނުދެ އެވެ. ޕާކިސްތާނު ބުނާގޮތުން އިންޑިއާގެ ހަނގުރާމަމަތީ ޖެޓްތައް ވައްޓާލުމުގެ ކުރިން އިންޑިއާވަނީ މިސައިލުން ޕާކިސްތާނަށް އެތަށް ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާތަކުގައި 20 މީހަކު މަރުވެ 41 މީހަކު ޒަހަމްވި އެވެ. އެއީ އާންމުން ކަމަށާއި އޭގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނޭ ކަމަށް ބުންޏެވެ.
މި ހަމަލާތަކާ ގުޅިގެން އިންޑިޔާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން "އޮޕަރޭޝަން ސިންދޫރު" ގެ ދަށުން އިންޑިއާ ސިފައިން ފެށި އޮޕަރޭޝަންގައި ޕާކިސްތާނުގެ ނުވަ ސަރަޙައްދަކަށް ވާނީ ހަމަލާތަކެއް ދީފައެވެ.
އެއީ އެ ސަރަހައްދުގައި ތިބި ކަޝްމީރުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކާ ދެކޮޅަށް ދިން ޙަމަލާތަކެއް ކަމަށާއި ޕާކިސްތާނުގެ ސިފައިންގެ އެއްވެސް އަސްކަރީ ތަނަކަށް ހަމަލާ ދީފައި ނުވާނެ ކަމަށްވެސް އިންޑިޔާ ސިފައިންގެ ބަޔާން ބުނެއެވެ.
މިއީ މދިޔަ އެޕްރީލް މަހުގެ 22 ވަނަ ދުވަހު، ހަތިޔާރު އެޅި ބަޔަކު ދިން ޖަންމޫ ކަޝްމީރަށް ދިން ހަމަލާއަށް ބަދަލު ހިފުމުގެ ގޮތުން ހިންގި އަސްކަރީ އޮޕަރޭޝަނެއް ކަމަށާ ބަދަލު ހިފުމުގެ ކަންތައް ނިމުނީކަމަށް ވެސް އިންޑިއާގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޕާކިސްތާނުން ބުނީ "އޮޕަރޭޝަން ސިންދޫރް" ގެ ނަމުގައި އިންޑިއާއިން ދިން ހަމަލާތަކުގައި އާންމުންގެ އަށް މީހަކު މަރުވެފައިވާ ކަމަށާއި ރައްދު ހަމަލާ ދިނުމުގެ ކަންކަން މިހާރު ފަށާފައިވާ ކަމަށެވެ.
ޕާކިސްތާންގެ ޑިފެންސް މިނިސްޓަރު ހުވާޖާ މުހައްމަދު ވިދާޅުވީ އިންޑިއާ އިން ހަމަލާތައް ދެމުންދާ ނަމަ، ޕާކިސްތާން ފަހަތަށް ނުޖެހޭނެ ކަމަށާއި ރައްދު ހަމަލާތައް ދިނުމުގެ ސާބިތުވެ ތިބޭނެ ކަމަށެވެ.
ކަޝްމީރު ސަރަޙައްުދުގައި ޕާކިސްތާނާއި އިންޑިޔާއާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގު ކައިރީގައި ވެސް ދެ ޤައުމުން ދަނީ ޙަމަލާތައް ބަދަލު ކުރަމުންނެވެ. ޕާކިސްތާނުން ދެމުންދާ ޙަމަލާތަކުގައި ޢާންމުންގެ ތިން މީހުން މަރުވެފައިވާ ކަމަށް އިންޑިޔާއިން ވަނީ ބުނެފަ އެވެ.