މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަމީން ވާހަކަދައްކަވަނީ.- / ރައީސް އޮފިސް
ހަބަރު
ވައިގެ އުދުހުންތަކުގެ އަގު ބޮޑު، ހެޔޮކުރާނަން: ސަރުކާރު
Qudhrathullah Ameen
ގުދުރަތުﷲ އަމީން
07 މޭ 2025
މާލެ ސިޓީ

ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ މި ވަގުތަކީ ހުރިހާ ހަރަދެއް ވެސް ބޮޑުވަމުންދާ ވަގުތެއް ކަމަށާއި ނަމަވެސް އެތެރޭގެ އުދުހުންތަކުގެ ޓިކެޓު މިހާރަށް ވުރެ ވެސް ކުޑަ ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

އަޅުގަނޑުމެން ވަރަށް މަސައްކަތް އެބަ ކުރަން [ޓިކެޓް އަގު ކުޑަ ކުރަން] މިހާރު ހުރިހާ ހަރަދެއް ވެސް ވަރަށް ބޮޑުވެފައިވާ ވަގުތަކަށްވެފައި އަދި ޓިކެޓްގެ ހަރަދު ވެސް ބޮޑުވެފައި މިހާރު ނެތް. އެކަމަކު ޓިކެޓްގެ އަގު މިހާރަށް ވުރެ ވެސް ކުޑަ ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަނީ

- އަމީން ވިދާޅުވި އެވެ.

ޓިކެޓްގެ އަގު ހެޔޮކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް މިނިސްޓަރު އަމީން ދެއްވާފައެއް ނުވެ އެވެ.

އަމީން މީގެކުރިން ވަނީ އައިލެންޑް އޭވިއޭޝަން ރިސްޓްރަކްޗަރކޮށް، އޮޕަރޭޝަންތަކަށް ބަދަލުތައް ގެނައުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެތެރޭގެ އުދުހުންތަކުގެ އަގަށް ބަދަލުތައް ގެނެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ވައިގެ ދަތުރުފަތުރުގެ އަގު ހާއްސަކޮށް އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މުއިއްޒު ވެރިކަމާއި ހަވާލުވިފަހުން އެތެރޭގެ އުދުހުންތަކުގެ ޓިކެޓްގެ އަގު އަންނަނީ އިންތިހާއަށް އުފުލެމުން ނެވެ.

މިސާލަކަށް ފުވައްމުލަކާއި މާލެއާ ދެމެދު މޯލްޑިވިއަންއިން ކުރާ ދަތުރުތަކުގެ ޓިކެޓް އަގު، އުޅޭނީ އަވައްޓެރި ގައުމަކަށް ކުރާ ދަތުރެއްގެ ދެކޮޅު ޓިކެޓަށް ވުރެ ބޮޑު ކޮށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved