

ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ކުންފުންޏަކަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ ނ. މިނާވަރު އަތުލަން ސަރުކާރުން ނިންމުމަކީ ޚުދުމުހުތާރު، ސިޔާސީ ބަދަލުހިފުމެއްގެ ގޮތުގައި މޯލްޑީިވްސް ޑިވްލޮޕމަނޓު އެޔަަންސް (އެމްޑީއޭގ)ގެ ނައިބު ރައީސް މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާވެސް ތަމްސީލު ކުރައްވާ މެމްބަރު އައްބާސް މިފަދައިން ވިދާޅުވެފައިވަނީ ނެރުއްވި ބަޔާނެއްގައެވެ.
އެގޮތުން އައްބަސް ވަނީ ސަރުކާރުން އެކަމުގައި އަމަލު ކުރި ގޮތާ އަދި އެ ރަށް އަތުލަން ނިންމި ސަބަބު ކަމުގައި ވިދާޅުވި ސަބަބުވެސް ދޮޮގުކޮށް ތަފްސީލުކޮށް ކަން ހިނގާ ދިޔަ ގޮތް ބަޔާނުގައި ހިއްސާ ކުރައްވާފައެވެ.
އައްބާސް ވިދާޅުވީ، މިނާވަރު އަތުލުމުގައި ސަރުކާރުން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށެވެ.
"އެ ރަށް އަތުލާފައި އެވަނީ ސިޔާސީ މަގުސަދެއްގައި އޮނަރަބަލް އަހުމަދު ސިޔާމް އަހުމަދަށް ޖެއްސުންކޮށް އަނިޔާވެރިވުމަށް ކަމުގައި ދަންނަވަން ޖެހޭ،" އައްބާސްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އައްބާސް ވިދާޅުވި ގޮތުގައި އެގްރިކަލްޗާ މިނިސްޓްރީން މިނާވަރުގެ އިންސްޕެކްޝަނެއް ހެދުމަށް މިދިޔަ އަހަރުގެ ފަހުކޮޅު ދިޔައެވެ. އެ ދަތުރުގައި ފާހަގަވި ކަންކަން ރިޕޯޓެއްގެ ސިފައިގައި ނުވަތަ ލިޔުމަކުން ވެސް ހިއްސާނުކުރާ ކަމަށާއި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރާ ކަމަށް ބުނެ މިނިސްޓްރީން ސިޓީއެއް ފޮނުވީ ދަތުރުގެ ހަތް މަސް ފަހުން ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.
މިނިސްޓްރީން އެންގި ކަންކަން 30 ދުވަހުގެ ތެރޭ ރަނގަޅުކޮށް މިނިސްޓްރީއަށް ރިޕޯޓު ހުށަހެޅި ކަމަށާއި އޭގެ ފަހުން މިނިސްޓްރީން މިދިޔަ މަހު އިތުރު ދަތުރެއް ކުރި ކަމަށްވެ އެވެ. މި ދަތުރުގައި ސިވިލް ސާވިސް މުވައްޒަފުން ގެންދަން އޮތް އޮތުން ބަދަލުކޮށް ތިން ސިޔާސީ މުވައްޒަފުން ފޮނުވިކަން އައްބާސް ވަނީ ފާހަގަކުރައްވާފައެވެ.
"ދެންނެވުނު ސިޔާސީ ފަރާތްތަކުން ނ. މިނާވަރު އިންސްޕެކްޓްކޮށް، ރިޕޯޓެއް ތައްޔާރުކޮށްފައި ވާކަމަށާއި، އެ ރިޕޯޓުގައި ރަށުގެ އެއްބަސްވުމާއި އެއްގޮތަށް ކުރަން ޖެހޭ ކަންކަން ފުރިހަމަ ކޮށްފައި ހުރިހާ ކަމަށާއި، ރަށުގެ ހާލަތާއި މަސައްކަތް ވެސް ވަރަށް ރަނގަޅުކަމަށް ބަޔާންކޮށްފައިކަން ވަނީ ރިޕޯޓްގައި ބަޔާންކޮށްފަ،" އައްބާސްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އައްބާސްގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މިނާވަރު އަތުލުމަށް ސަރުކާރުން ކުރި މަސައްކަތުގައި ސަރުކާރުން ގާނޫނާ ހިލާފާށް ކޮށްފައިވާ ކަންކަމެވެ. އެ ގޮތުން އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާނަމަ ކަނޑައެޅިފައިވާ ހަމައަކީ 20،000ރ. އަށްވުރެ ބޮޑު ނޫން ޖޫރިމަނާއެއް ކުރުން ކަން އޭނާ ފާހަގަކުރައްވާފައިވެއެވެ.
"ރަށް އަނބުރާ ނެގޭނެ އެއްވެސް ގާނޫނީ ހަމައެއް މިނިސްޓްރީއަށް ލިބިގެން ނުވާކަން ފާހަގަ ކުރަން. މީ ކަޑައެޅިގެން ހެދި ބޮޑު ދޮގެއް. އުސޫލާއި އިންސާފުން ބޭރުން އޮޅުވާލި އޮޅުވާލުމެއް،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިނާވަރު އިންސްޕެކްޓްކުރަން ދިޔަ ސިޔާސީ މުވައްޒަފުން ހާޒިރުކޮށް އެ ރަށް އަތުލަން ރައީސް އޮފީހުން ބޭނުންވާކަން އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ދެންނެވި ކަމަށް ވެސް އައްބާސް ތުހުމަތުކުރައްވާފައިވެއެވެ.
ފަޅު ރަށްރަށާ ބެހޭ ގާނޫނަށް ހަވާލާދީ އައްބާސްގެ ބަޔާނުގައި ބުނެފައި ވަނީ އެ ގާނޫނުގެ ދަށުން ކުއްޔަށް ދީފައިވާ ރަށެއް، މުއްދަތު ހަމަވުމުގެ ކުރިން އަތުލެވޭނީ ދެ އަހަރުގެ ނޯޓިސް އެއް ދިނުމަށްފަހު ކަމަށެވެ.
ބަޔާން ނިންމާލަމުން ވެސް އައްބާސް ވިދާޅުވީ، މިއީ ވަކި ފަރާތަކަށް އަމާޒުކޮށް އަޅާ ބޭއިންސާފު ފިޔަވަޅެއް ކަމަށާއި ސަރުކާރުގެ މި އަމަލަކީ ހުދުމުހުތާރުކަމާއެކު ހިންގާފައިވާ ބޭއިންސާފުގެ އަމަލެއް ކަމަށެވެ.
މިނާވަރު އަތުލަން ސަރުކާރުން ނިންމާފައިވަނީ ސަރުކާރުގެ ކޯލިޝަނުގައި ސިޔާމުގެ އެމްޑީއޭ ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ ދެ ދުވަސް ފަހުންނެވެ. އަދި ރިޔާސީ ނއިންތިހާބަށް ޚަރަދު ކުރުމަށް ފަހުން ދޭ ގޮތަށް ރައީސް މުއިއްޒު ސިޔާމް އަތުން ނެގި ކަމަށް ބުނާ 8 ލައްކައެއް ހާ ފައިސާ އަނބުރާ ނުލިބި، އެ މައްސަލައިގައި ސިޔާމް ކޯޓަށް ވެސް ދާން ނިންމާފައިވާ ކަމަށް އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.