އެސްޓީއޯ އިން އެޗްއެލްއެލް ލައިފްކެއާއާ އެކު އެއްބަސްވުމުގައި ސޮއިކުރަނީ - / އެސްޓީއޯ
ހަބަރު, ސިޔާސީ
ޔޫރަޕް ކޮލިޓީ ބޭސް ވައުދާ ރައީސް ހިލާފުވެ ރާއްޖެ އަށް ބޭސް އެތެރެކުރަން އިންޑިއާ ބަޔަކާ ހަވާލުކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
09 މޭ 2025
މާލެ ސިޓީ

ރާއްޖެއިން މަދުވާ ބޭސްތައް ހޯދުމަށާއި މެދުނުކެނޑި، އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެސްޓީއޯ އާއި އިންޑިއާގެ އެޗުއެލްއެލް ލައިފްކެއާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެސްޓީއޯ އިން ސޮއިކުރީ އިންޑިއާގެ ހެލްތު އެންޑް ފެމިލީ ވެލްފެއާގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެޗްއެލްއެލް ލައިފްކެއާ ލިމިޓެޑާ އެކު އެވެ.

އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމުގެ ދަށުން ރާއްޖެ އަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް އެ އެއްބަސްވުމުގެ ދަށުން ފަހިވާނެ ކަމަށް އެސްޓީއޯ އިން މިރޭ ބުންޏެވެ.

އެޗްއެލްއެލް ލައިފްކެއާ އަކީ މި ސަރަހައްދުގައި އެންމެ ފުޅާދާއިރާގައި ޑޮކްޓަރީ ބޭސް ސަޕްލައިކުރާ އެއް ކުންފުންޏެވެ.

ބޭހުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އިންޑިއާ އިން ބޭސް އެތެރެ ކުރުން ހުއްޓާލައި ސީދާ ޔޫރަޕުން ބޭސް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވަނީ މިފަހުން ވިދާޅުވެފަ އެވެ.

ނަމަވެސް ފެނިގެން މި ދިޔައީ އަނެއްކާ ވެސް އިންޑިއާގެ ކުންފުންޏަކާއި އެކު ރާއްޖެ އަށް ރައީސް ވިދާޅުވާ "އާދައިގެ ބޭސް" ގެނައުމަށް ސޮއިކުރި ތަނެވެ.

އާދައިގެ ބޭސް [ގެނައުން] ނިމުކަކަށް ގެނެސް، ސީދާ އުފައްދާ ތަނުން، ޔޫރަޕުންނާއި އެމެރިކާއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެ ކުރުން ބަދަލު ކުރާނަން. އެކަންތައް މިހާރު ވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ގައުމަށް ދެން މާ ލަސްތަކެއް ނުވެ، އެތެރެ ކުރާނީ ޔޫރަޕްގެ އަސްލު ބޭސް އުފައްދާ ތަންތަނުންނާއި އެމެރިކާގެ ތަންތަނުން،

- 13 ޖެނުއަރީ 2024 ގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިހާރު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭސް އެތެރެ ކުރަނީ އިންޑިއާ އިންނެވެ. އެ ގައުމާ އެކު އޮތް ގުުޅުން މުއިއްޒު ސަރުކާރުން ގޯސްވި ވަގުތު، އިންޑިއާއަށް ބަރޯސާވެގެން ކުރާ ގިނަ ކަންކަން ނިމުމަކަށް ގެނައުމަށް އަމާޒު ހިފާފައިވާކަން ރައީސް ކުރިން ވަނީ ހާމަކުރައްވާފަ އެވެ.

ފަހަކަށް އައިސް އިންޑިއާ އިން އެތެރެކޮށް ރާއްޖޭގައި ލިބެން ހުންނަ ބައެއް ބޭސްތަކުގެ ފެންވަރު ދަށްވެ، ގެއްލުން ހުރި މާއްދާތައް އެކުލެވޭ ބައެއް ބޭސްތައް ވެސް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައިވެ އެވެ.

ކުޑަކުދިންނަށް ދިނުމަށް ބޭނުންކުރާ ކެއްސާތީ ބޯ ބޭސްތަކަކުން ވެސް ވިހަ މާއްދާތަކެއް އަޅާފައިވާ ބޭސްތަކެއް މިފަހުން ރާއްޖޭގައި ވަނީ ފެނިފަ އެވެ. އެ ބޭސްތައް ރާއްޖޭގައި މަނާކުރުމާ އެކު، ރާއްޖޭގައި ހުރި ބޭސްތަކުގެ ރައްކާތެރިކަމާ މެދު އިތުރަށް ސަމާލުވެ، ތަހުލީލު ކުރަން ވެސް އެމްއެފްޑީއޭ އިން ވަނީ ފަށާފަ އެވެ.

އާންމުކޮށް ބޭނުންކުރަމުންދާ ބޭހެއްކަމަށްވާ ޕެނަޑޯލްގެ ރައްކާތެރިކަމާ މެދު ޝައްކުކުރެވޭ ފަދަ ކަންތައްތަކެއް ފެނުމާ ގުޅިގެން ރާއްޖެއަށް އެ ބޭސް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން ވެސް މިދޭތެރެއިން ވަނީ މަނާކޮށްފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved