ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ވޯޓު ނެގުން އޮންނަ ދުވަހު ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމަށް ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ، އެ މީހެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު އައްޔަންކުރުމުގެ ފުރުސަތު ކޮންމެ ކެންޑިޑޭޓަކަށް ވެސް ލިބިދީފައިވާ ކަމަށެވެ.
ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިއްޔެއިން ފެށިގެން ފުރުސަތު ހުޅުވާލާފައިވާއިރު އެ މުއްދަތު ހަމަވާނީ މި މަހުގެ 24 ވާ ހޮނިހިރު ދުވަހުގެ 15:00 ގައެވެ.
ކޮމިޝަނުން ވަނީ މަންދޫބަކަށް ހުށައަޅާ މީހެއްގެ ހުންނަން ޖެހޭ ޝަރުތުތަކާއި މަންދޫބަަކަށް އެދި ހުށައަޅަން ޖެހޭ ލިޔުންތަކުގެ ތަފްސީލް އިއުލާނު ގައި ހިމަނާފައެވެ.
މަންދޫބުންނަށްވުމަށް ހުއްދަދެވޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުމާއި، ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒުކުރެވެމުންދާ މީހެއް ކަމުގައިނުވުމާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން ހިމެނެއެވެ.
އިއުލާނުގައި ބުނީ ކެންޑިޑޭޓުން އައްޔަންކުރާ މަންދޫބުންނަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް އީ-މެއިލް މެދުވެރިކޮށް ބަލައިގަންނާނެ ކަަމަށެވެ. އަދި އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގެ ރިސެޕްޝަނުން ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާނީ މި މަހުގެ 24 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.
މަޖިލީސް އިންތިހާބު ގައި 368 ކެންޑިޑޭޓުން ވާދަ ކުރެއެވެ. އިންތިހާބަށް ހުޅުވާލުމުން 381 މީހަކު ވަނީ ކުރިމަތިލިއެވެ. ނަމަވެސް ޝަރުތު ހަމަވި 372 މީހުންނެވެ. އެ ކެންޑިޑޭޓުންގެ ތެރެއިން، އެމްޑީޕީން މުލަކު ދާއިރާއަށް ފޯމް ހުށައެޅި ކެންޑިޑޭޓާއި ޕީއެންސީން ގައްދޫ ދާއިރާއަށް ފޯމް ހުށަައެޅި ކެންޑިޑޭޓާއި ޑިމޮކްރެޓްސް އިން ހިތަދޫ މެދުދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓާއު އަމިއްލަގޮތުން ކިނބިދޫ ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓަކާއެކު ޖުމްލަ ހަތަރު ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.