May 4, 2026
Advertisement
ތެލަސީމިއާ ކުދިން ބޭނުންކުރާ ޑެސްފަރޮލް އިންޖެކްޝަން
ތެލަސީމިއާ ކުދިން ބޭނުންކުރާ ޑެސްފަރޮލް އިންޖެކްޝަން / ޓްވިޓަރ

ތެލެސީމިއާ ކުދިންނަށް ޑެސްފެރޯލް ލިބުމުގެ މައްސަލަ އަދިވެސް ހައްލުނުވާ ކަމަށް ރައީސް އެއްބަސްވެއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 9, 2025, 05:45 PM
މާލެ ސިޓީ

ތެލަސީމިއާއަށް ލޭއަޅާ ކުދިންގެ ހަށިގަނޑުގައި ގިނަވާ ދަގަނޑުގެ ބައި ދަށްކުރަން ޖަހާ ޑެސްފެރޯލް އިންޖެކްޝަން ރާއްޖެއިން ހުސްވި މައްސަލަ ބޮޑުވެފައި ވަނިކޮށް އެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އެއްބަސްވެއްޖެ އެވެ.

Advertisement

ރައީސް އޮފީހުން އެންމެ ފަހުން ގެނެސްދިން ޕޮޑްކާސްޓްގައި ރައީސް މުއިއްޒު ވިދާޅުވީ ތެލެސީމިއާއަށް ފަރުވާ ދިނުމުގައި ވަރަށް ގިނަ މައްސަލަތަކެއް އުޅޭ ކަމަށާއި އެކަމަށް ހައްލެއް ނުލިބި އޮންނަތާ ވެސް ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ޑެސްފެރޯލް މައްސަލައަށް ހައްލެއް ހޯދުމަށް ވަރަށް މަސައްކަތް ކުރެއްވޭ ކަމަށާއި އެކަމަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އެ ކުދިންނަށް އެ ބޭނުންވާ ކެއަރ، އަޅައިލުން ނުލިބި ހުރި އެތައް ކަމެއް އެބަ ހައްލުވޭ އިނގޭތޯ. ވަރަށްގިނަ ކަންތައްތައް.

ރައީސް މުއިއްޒު

ޑެސްފެރޯލް ހުސްވުމުން، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ތެލެސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިން ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ސޯޝަލް މީޑިއާގައި އެތައް ޕޯސްޓެއް ހިއްސާކޮށްފަ އެވެ.

ތެލެސީމިއާ ސޮސައިޓީން ބުނީ ޑެސްފެރޯލް ހުސްވެފައިވާކަން ސަމާލުކަމަށް އައުމާ އެކު، މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އާ ގުޅާ ހުރިހާ ތެލަސީމިއާ ކުދިންނަށް ވެސް މައުލޫމާތު ފޯރުކޯށްދީ އެ ކަމުގައި އެހެން ގޮތް ގޮތުން އެހީތެރިވަމުންދާ ކަމަށެވެ.

ތެލަސީމިއާ ސެންޓަރުގައި ބޭނުންކުރާ ފިލްޓަރުތައް ހަލާކުވާތާ އެތައް އަހަރެއްވިއިރު ވެސް، އެ މައްސަލައަށް ހައްލެއް ހޯދުމުގައި, މޯލްޑިވިއަލް ބްލަޑް ސާވިސަސް (އެމްބީއެސް) އިން ފެއިލް ވެފައިވާ ކަމަށް ތެލެސީމިއާ ކުދިން މިފަހުން ވަނީ ބުނެފަ އެވެ. އަދި ތެލެސީމިއާ ސެންޓަރުގެ ގިނަ މައްސަލަތަކަކަށް ހައްލު ނުލިބޭތީވެ މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)ގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި، ތެލަސީމިއާ ސެންޓަރުގައި އެ ބައްޔަށް ފަރުވާ ހޯދާ މީހުންނާއި އާއިލާތަކުން މުޒާހަރާ ވެސް ކުރި އެވެ.

ރައީސް މުއިއްޒު މިފަހުން ވަނީ ތެލަސީމިއާ ސެންޓަރުގެ ހާލަތު މިއަދާ ހަމައަށް އައިއިރު އެނގިނުލައްވާ ކަމަށާއި، ނަމަވެސް ދެން ތެލަސީމިއާ ކުދިންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގައި ސީދާ އެމަނިކުފާނުގެ ބެލުމުގެ ދަށުން ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ސަރުކާރުން މިހާރު ވަނީ ވަރަށް ހާލަތު ގޯސްވެފައިވާ ތެލެސީމިއާ ސެންޓަރު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖު ހިޔާއަށް ބަދަލުކޮށްފަ އެވެ. އެންމެ ޒަމާނީ ފެންވަރުގެ ތެލެސީމިއާ ހިދުމަތްދޭ ތަނެއް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved