އިންޑިއާގެ އަމްރިޓްސާގެ މަތިން އިންޑިއާގެ ވައިގެ ދިފާއީ ނިޒާމުން ހަމަލާދީ ވައްޓާލި ގޮވާ އެއްޗެއް: ރެޔާއި މިއަދު އިންޑިއާ އާއި ޕާކިސްތާނުން ވެސް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައި. -- / އޭއެފްޕީ
ދުނިޔެ
ޕާކިސްތާނުން ހަމަލާދެނީ މާ ދުވެލި ބާރު މިސައިލްތަކަކުން ކަމަށް ބުނެ އިންޑިއާ ޝަކުވާކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
10 މޭ 2025
މާލެ ސިޓީ

ޕާކިސްތާނުން ރައްދުގައި އިންޑިއާއަށް ހަމަލާދިނީ ވަރަށް ދުވެލި ބާރު މިސައިލްތަކަކުން ކަމަށް ބުނެ އިންޑިއާއިން ޝަކުވާކޮށްފި އެވެ.

މި ޝަކުވާއެއް އިންޑިއާއިން މި ކުރީ ޕާކިސްތާނަށް އިންޑިއާ އިސްވެ ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިންޑިއާގެ ކަޝްމީރު ފަޅީގައި އޮންނަ ޖަމްމޫއަށް ޕާކިސްތާނުން ޑްރޯން ހަމަލާތަކެއް ދީފަ ވަނިކޮށެވެ.

އިންޑިއާއަށް ހަމަލާދިނުމުގައި ޕާކިސްތާނުން ހަނގުރާމަމަތީ ޑްރޯން -- "އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލް (ޔޫސީއޭވީ) އަދި ދުރު ރާސްތާ މިސައިލާއި، ޖެޓުފައިޓަރު އަދި ޖާނުންފިދާވާ ބާވަތުގެ ޑްރޯން -- އުދުހިދާ ގޮތަށް ގޮސް ތަނެއްގައި ޖެހިގަނެ އަމިއްލައަށް ގޮވާ ބާވަތުގެ ޑްރޯން ބޭނުންކުރި ކަމަށް އިންޑިއާއިން ބުންޏެވެ.

އަދި މިއީ ވަރަށް ދުވެލި ބާރު މިސައިލްތަކެއްކަމުން އެއަށް އަމާޒިހިފަން އުދަގޫކާމަށް އިންޑިއާގެ އަސްކަރިއްޔާއިން ވަނީ އެއްބަސްވެފައި އެވެ.

އިންޑިއާގެ އަސްކަރީ ފަސް ޖެޓް ވައްޓާލިކަން ކަށަވަރު ކޮށްދެއްވަމުން ޕާކިސްތާނުގެ ދިފާއީ ވަޒީރު ހަވާޖާ މުހައްމަދު އާސިފް ވިދާޅުވިގޮތުގައި ޕާކިސްތާނުން ވައްޓާލި އިންޑިއާގެ ފައިޓާ ޖެޓްތަކުގެ ތެރޭގައި ހިމެނެނީ ފަސް ޖެޓެކެވެ. އެއީ ފަރަންސޭސިވިލާތުގައި އުފައްދާ ރަފަލް މަރުކާގެ ތިން ޖެޓަކާއި ރަޝިއާގައި އުފައްދާ އެސްޔޫ-30 މަރުކާގެ ޖެޓަކާއި މިގް-29 މަރުކާގެ ޖެޓެކެވެ.

އިންޑިއާގެ ފަސް ޖެޓް ވައްޓާލި ކަމަށް ޕާކިސްތާނުގެ ދައުލަތުގެ މީޑިއާއިން ވެސް ބުނެފައި ވާއިރު މި ވާހަކަތަކަށް އިންޑިއާއިން އަދި ސާފު ޖަވާބެއް ނުދެ އެވެ. ނަމަވެސް ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ޕާކިސްތާނުން ދައްކާ ވާހަކަ ޔާގީންކޮށްދެ އެވެ.

ޕާކިސްތާނުގެ ޖިއޯ ޓީވީ ރޭ ބުނިގޮތުގައި އިންޑިއާއިން ޕާކިސްތާނުގެ ލާހޯރާއި އެކި ހިސާބުތަކަށް ހަމަލާދޭން ބޭނުންކުރާ ޑްރޯންތަކުގެ ތެރޭގައި ސަހްޔޫނީން އުފައްދާފައިވާ "ސުއިސައިޑް ޑްރޯން" ކަމަށްވާ ސްޕައިސް-2000 ބޭނުންކުރެ އެވެ. ޖިއޯ ޓީވީ އިތުރަށް ބުނީ ޕާކިސްތާނުގެ އަސްކަރިއްޔާއިން އެ ގައުމުގެ ވައިގެ ސަރަހައްދަށް ގާނޫނާ ހިލާފަށް ވަދެގެން އުޅުނު 25 ޑްރޯނެއް އިއްޔެގެ ނިޔަލަށް ވެސް ވައްޓާލާފައި ވާކަމަށެވެ.

ޕާކިސްތާންގެ ޑިފެންސް މިނިސްޓަރު ހުވާޖާ މުހައްމަދު ވިދާޅުވީ އިންޑިއާ އިން ހަމަލާތައް ދެމުންދާ ނަމަ، ޕާކިސްތާން ފަހަތަށް ނުޖެހޭނެ ކަމަށާއި ރައްދު ހަމަލާތައް ދިނުމުގެ ސާބިތުވެ ތިބޭނެ ކަމަށެވެ.

އިންޑިއާއިން "އޮޕަރޭޝަން ސިންދޫރް" ގެ ނަމުގައި ފެށި ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ޕާކިސްތާނުން ވަނީ ރޭ އިންޑިއާ އަށް ވަރުގަދަ ހަމަލާތަކެއްދީ އިންޑިއާ ސިއްސުވާލާފަ އެވެ.

ހަނގުރާމަމަތީ ޖެޓުތަކާއި މިސައިލާއި ޑްރޯން އަދި އާޓިލަރީ ފަދަ ހަތިޔާރުން ދެމުންދާ ހަމަލާތަކަކީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި މި ދެ ގައުމުގެ މެދުގައި ހިނގި އެންމެ ވަރުގަދަ ކުރިމަތިލުންތަކެވެ. އެ ހަމަލާތަކުގައި އިންޑިއާ އާއި ޕާކިސްތާނުން އާންމުންގެ 60 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ނިއުކްލިއާ ދެ ބާރު ކަމަށްވާ އަދި ދެކުނު އޭޝިޔާ ސަރަހައްދުގެ މައި ދެ ބާރުގެ ގޮތުގައި ބެލެވޭ އިންޑިޔާއާއި ޕާކިސްތާނާ ދެމެދުއިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ގޯހުން ގޯހަށް ބަދަލުވަމުން ދާއިރު ގައުމުތަކުން ދަނީ އިތުރަށް ގޯސްވިޔަނުދީ ސުލްހަޔަށް އިސްކަން ދިނުމަށް ގޮވާލަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved