ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް / ޕާކިސްތާން ޓުޑޭ
ދުނިޔެ
ހަނގުރާމަކޮށް އިންޑިއާ ބަލި ކުރެވިއްޖެ: ޕާކިސްތާން
Qudhrathullah Ameen
ގުދުރަތުﷲ އަމީން
11 މޭ 2025
މާލެ ސިޓީ

އިންޑިއާއާއި ޕާކިސްތާނާ ދެމެދު މިފަހުން ފެށުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދެ ގައުމުން އާދެވުނުއިރު ޕާކިސްތާނުން އޮތީ ހަނގުރާމައިގައި ކުރި ހޯދާ މޮޅުވެފައި ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.

ނިއުކްލިއާ ހަތިޔާރު އެޅި ދެ ގައުމުތަކުގެ މެދުގައި ހިންގާ ހުރިހާ އަސްކަރީ ހަރަކާތެއް ހުއްޓިގެން ދިޔަކަން އިއުލާން ކުރައްވާ ޕާކިސްތާން ރައްޔިތުންނާއި މުހާތަބު ކުރައްވާ ދެއްވި ތަގުރީރުގައި ބޮޑުވަޒީރު ޝެހްބާޒް ވިދާޅުވީ އިންޑިއާއިން ޕަހަލްގަމްގެ ހާދިސާ ބޭނުންކުރީ ޕާކިސްތާނާ ދެކޮޅަށް "ބޭއިންސާފު ހަނގުރާމައެއް" ފެށުމަށް ބަހަނާއެއްގެ ގޮތުގައި ކަމަށެވެ.

އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ތާއީދު ކުރައްވާ ކަމަށާއި އެންމެންގެ ލާބައާއި މަންފާއަށްޓަކައި ހަނގުރާމަ ހުއްޓާލުމުގެ މި އެއްބަސްވުން ހަދާފައިވާ ކަމަށާއި، އެކަމާ މެދު ވަރަށް ޕޮޒިޓިވްކޮށް ދެ ގައުމުން މިހާރު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

ޝެހްބާޒް ވިދާޅުވީ ޕާކިސްތާނުގެ އަސްކަރިއްޔާއިން އިންޑިއާގެ އަމަލުތަކަށް "ޕްރޮފެޝަނަލް އަދި ހަރުދަނާ ރައްދެއް" ދީފައިވާނެ ކަމަށެވެ.

ޕާކިސްތާނުގެ އަސްކަރީ ލީޑަރޝިޕަށް ޝުކުރު އަދާކުރައްވައި، ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އާސިމް މުނީރުގެ ނަމޫނާ ލީޑަރޝިޕަށް ތައުރީފު ކުރައްވައި، ޕާކިސްތާނުގެ ވައިގެ ސިފައިންނާއެކު ޗީފް އޮފް އެއަރ ސްޓާފް ޒަހީރު އަޙްމަދު ބާބަރު ސިދޫ ދެއްކެވި މޮޅު ކުޅުމަށް ބޮޑު ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ގަޑިއިރެއްގެ ތެރޭގައި އަޅުގަނޑުމެންގެ ސިފައިން ދުޝްމަނުންގެ ހަތިޔާރުތައް ހިމޭންކުރީ ތާރީޚު ހަނދާން ހުންނާނެ ގޮތަކަށް، ދުޝްމަނުންގެ ނުބައި ނިޔަތްތަކަށް އަޅުގަނޑުމެންގެ ހިތްވަރުގަދަ ސިފައިންގެ ލޭ ކެކިގެން ދިޔަ، މަސްވަރާއަށް މިދަނީ ހަނގުރާމައިން މޮޅު ވެގެން

- ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް

މީގެ އިތުރުން ޝަރީފް ވަނީ ހަނގުރާމަ ނިމުމަށް ބާރު އެޅި ބައިނަލްއަގްވާމީ ބައިވެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ. ހާއްސަކޮށް ޗައިނާގެ ނަން ގެނެސް ވިދާޅުވީ ޗައިނާ އަކީ ވަރަށް ލޯބިވާ، ވަރަށް އިތުބާރު ކުރެވޭ ރަހުމަތްތެރިއެއްގެ ކަމަށެވެ.

އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް މަގުފަހިކޮށްދިނުމުގައި އެމެރިކާ، ސައުދީ އަރަބިއްޔާ، ތުރުކީ، ގަތަރު އަދި އިނގިރޭސިވިލާތުން ކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރެއްވި އެވެ. ނަވާޒް ޝަރީފް ވިދާޅުވީ ރައީސް ޓްރަމްޕަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށާއި، ހަނގުރާމަ ހުއްޓުވުމުގައި ވޮޝިންޓަނަކީ މުހިންމު ދައުރެއް އަދާކުރާ ގައުމެއް ކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަރީފްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ "އަޅުގަނޑުމެންނަކީ ސުލްހަވެރި ގައުމެއް،" ކަމަށާއި "ޕާކިސްތާން ދިގު މުއްދަތަކަށް ދެމިހުންނާނެ" ކަމަށެވެ.

އިންޑިއާ އާއި ޕާކިސްތާނުން ބަދަލުކުރަމުންދާ ހަމަލާތައް ވަގުތުން ހުއްޓާލަން އެ ދެ ގައުމުން މިހާރު ވަނީ އެއްބަސްވެފަ އެވެ. ހަމަލާތައް ހުއްޓާލިކަން އިއުލާނުކުރި އިރު ރެޔަކީ އިންޑިއާ އާއި ޕާކިސްތާނުން އެއް ގައުމުން އަނެއް ގައުމަށް އެންމެ ވަރުގަދަ ހަމަލާތައް ދިން ރެ އެވެ.

ކަޝްމީރުގެ ޕާކިސްތާނު ސަރަހައްދުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ރެއިން ފެށިގެން އިންޑިއާއިން ދެމުން ދިޔަ ހަމަލާތަކުގައި ކަޝްމީރުން، މަދުވެގެން 13 މީހަކު މަރުވެ 50 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

މިދިޔަ ބުދަ ދުވަހު އިންޑިއާއިން ހަމަލާދޭން ފެށުމާ އެކު މަސްރަހު ހޫނުވެ ރައްދު ދޭން ފެށި ފަހުން މިހާތަނަށް ދެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 60 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުން ޒަމާނީ ޖެޓުތަކާއި ޑްރޯން ގިނަ އަދަދަކަށް ބޭނުންކޮށްގެން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދެމުން ދާއިރު މަސްރަހު އިތުރަށް ގޯސް ނުކުރަން އެކި ގައުމުތަކުން ދަނީ ގޮވާލަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved