

އިބްރާހިމު މުހައްމަދު ސޯލިހުއާ އެމްޑީޕީއަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފު އިންޑިއާގެ އެއްބާރުލުމާ އެކު ހުޅުވާލަދިން ކުޑަދޮރަކުން ވަގަށް ނެގި ރިޔާސީ އިންތިހާބަށް ފަހު ރައީސް އަބްދުﷲ ޔާމީން ދިގު މުއްދަތަކަށް ޖަލަށްލީ ޕާޓީ ކުދިންނަށް ވީ ވައުދު ފުއްދަންކަން ނޭނގޭ މީހަކު ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނުގައި ނުހުންނާނެއެވެ.
އެމަނިކުފާނު ފްރޭމުކޮށް އެމަނިކުފާނުގެ އާއިލާއަށް އެތައް ކެކުޅުމެއް ޖައްސާ، ހުންނެވި އެންމެ ތުއްޕުޅު ބޭފުޅާގެ ތައުލީމީ ހަރުފަތުގެ އެންމެ މުހިއްމު ދުވަސްވަރާވެސް ދިމާކޮށް ރައީސް ޔާމީން ޖަލަށްލީ ނުހައްގުން ކަމަށާ އެމަނިކުފާނަށް ކުރީ ސިޔާސީ ދައުވާތަކެއް ކަމަށް އެކި ޕްލެޓު ފޯމުތަކުގައި އެންމެ ބާރަށް އެ ވާހަކަ ވިދާޅުވެ، ދެއްކެވި އެއް ބޭފުޅަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
އެމަނިކުފާނު ކީރިތި ކުރައްވާ އެ ވާހަކަ ދެއްކެވިއިރު ހީވި އެހެން ފަދަ ކަމެއް ހެންނެވެ. ރިޔާސީ ބަހުސްގައި ވެސް ރައީސް ސޯލިހުއަށް ކަޅި އަޅުއްވާ މޫނުފުޅު މަތިން ދެއްކެވި ކުލަވަރަކީ އެއީ ހަމަ ހުސް ޑްރާމާއޭ ހިތަށް އަރާނެ އެކަކު ވެސް އޭރު ނުހުންނާނެއެވެ.
ނަމަވެސް އެއީ ދެއްކި ދަޅައެކޭ ބުނަން މަޖްބޫރުވާ ފަދަ މަންޒަރުތައް މިއަދު ދަނީ ދިވެހީންގެ ލޯ މައްޗަށް ފެންނަމުންނެވެ. ރައީސް މުއިއްޒު ރައީސް ޔާމީނަށް އެރުވީ ފެނު ކައްކާ ބޮލީގެ އިއްޒަތެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ރައީސް ޔާމީންގެ ނަންފުޅު، ފޮޓޯފުޅު އަދި ހުސްގޮނޑީގެ އިތުރުން އެމަނިކުފާނަށް ސިޔާސީ ގޮތުން އޭރު ދެމުން ދިޔަ އަނިޔާތައް ވެސް ދޫކޮށްނުލައްވާ އެ ވާހަކަ ކޮންމެ ޕޯޑިއަމެއްގައި ދައްކަވާ އިންތިހާބުގެ ކުރިން ރައީސް މުއިއްޒު 749 ފަހަރު ރައީސް ޔާމީންގެ ނަންފުޅު ވިދާޅުވެ ދެއްކެވީ ހުސް އާޓު ކަމަށް މިއަދު ބުނެވެން އެބަ އޮތެވެ. އެހެނީ ރައީސް މުއިއްޒު ވަނީ ކުރީ ސަރުކާރުން ރައީސް ޔާމީނަށް ކުރީ ސިޔާސީ ދައުވާތަކެއް ވިދާޅުވެ ވެރިކަމަށް ވަޑައިގެން ހަމަ އެ މައްސަލަތަކުގެ ދައުވާތައް ފަށާފައެވެ.
ރ.ފުއްގިރި މައްސަލައިގެ އަޑު އެހުން އޮތް ކަން އެނގިވަޑައިގެންވީ ނޫހުން ކަމަށާ ނަރީޝުއަކީ ހެއްކެއްކަން އެނގިވަޑައިނުގެންނަވާ ކަމަށް ވިދާޅުވި ނަމަވެސް، ފުއްގިރި މައްސަލައިގައި ނަރީޝް ހެއްކެއްގެ ގޮތުގައި ހުށަހެޅީ މި ސަރުކާރު އައުމުގެ ވެސް މާކުރިންނެވެ. އަދި ފުއްގިރި މައްސަލައިގައި ސިޔާސީ ދައުވާ ޕްރޮގްރާމުގައި ރައީސް މުއިއްޒު ބައިވެރިވަޑައިގެން ވާހަކަފުޅު ވެސް ދައްކަވާފައިވާއިރު މިއީ އެމަނިކުފާނަށް މީގެ ކުރިން ރޭކާ ލާފައި ހުރި ކަންކަން ނޫން ކަމަށް ވިދާޅުވެ ބޯ ދަމައިގަނެވެެން ނޯންނާނެއެވެ.
ރައީސް ޔާމީނަށް މިހާރު ދައުވާ ކުރަނީ ސަރުކާރުން ނޫން ކަމަށާ އެއީ ޕީޖީ ކުރައްވާ ކަމެއް ކަމަށް ވިދާޅުވެ ޕީޖީއަށް މައްސަލައިގެ ފޫޅު ކެނޑުއްވިޔަސް ސަބަބުވެރި އިންސާނުންނަށް މިވާ ގޮތް ނުހަނު ރަގަޅަށް އެނގެއެވެ.
އެހެންކަމުން ހަރާން ހުކުމޭ ކިޔަމުން ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ރައީސް ޔާމީނަށް ވެވަޑައިގެންނެވީ ހަރާން ކޯރުތާއެވެ.