

އޮޅުންބޮޅުން ބޮޑު ވާނުވާ ބަންދުގައި 9 އަހަރު ގުނަމުންދާ މައްސަލައެއްގައި ޕީޖީއިން ހައިކޯޓުގައި ދައުވާ ލިބޭ ފަރާތަށް އޮޅިގެން ސިއްރު ހެކި ހާމަކޮށްފި އެވެ.
ހައިކޯޓުން ރޭ އާންމުކޮށްފައިވާ އިއުތިސާމު މުހައްމަދު ސައީދު ވ. ޕްރޮސެކިއުޓާ ޖެނެރަލް މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ރިޔާސަތު ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ މައްސަލަ ފެށުމަށްފަހު ދައުލަތަށް ލަހުން ދައުވާއަށް ޖަވާބުދާރީ ވި ސަބަބާމެދު ސުވާލު ކޮށްފައިވެއެވެ. ފީޖީއިން މައްސަލައިގައި ރައްދު ޖަވާބު ހުށަހަޅާފައިވަނީ އަޑުއެހުން ފެށުމުގެ އިރުތަކެއް ކުރިންކަން އެނގެއެވެ.
ކޯޓުގެ އިދާރީ މުވައްޒަފު ޝަރީއަތުގައި ޕީޖީ ވަކީލުން އިސްތިއުނާފު ކުރާ ފަރާތަށް ޖަވާބުދާރީވަމުން ދަނިކޮށް ރިޔާސަތު ފަނޑިޔާރަށް މެސެޖެއް ފޯރުކޮށްދިނުމަށްފަހު ދައުވާ ކުރާ ފަރާތުގެ ވަކީލުގެ ޑެސްކުން ގަނޑުތަކެއް ނަގާ، ފަނޑިޔާރުންނަށް އެ ދައްކާތަން ޔޫޓިއުބު ވީޑިއޯ ގައި ފެނެއެވެ.
އިސްތިއުނާފު ކުރާ ފަރާތުގެ ވަކީލް އަހްމަދު ޔާމީން ވަނީ ދައުލަތުން ހައިކޯޓަށް އެޓޭޗްކޮށްފައިވާ، ކުރިމިނަލް ކޯޓަށް 2017 ވަނަ އަހަރު ސިއްރު ހެކީގެ ތަފްސީލް ބަޔާންކޮށްފައިވާ 'ސިއްރު' ޖަހާފައިވާ ސިއްރު ލިޔުން ފެނިފައިވާ ކަމަށް ބުނެފައެވެ. މިކަން ޔާމީން ހާމަކުރުމާއެކު ހައިކޯޓުގެ ފަނޑިޔާރުންނާއި ދައުލަތުގެ ވަކީލުންގެ މޫނު މަތިން ހައިރާންކަން ފެނިގެން ދިޔައެވެ.
ދައުލަތުގެ ވަކީލް ޖަވާބުދާރީ ވުމަށް ފަހު ފަނޑިޔާރު ޝަނީޒް ވަނީ ހައިކޯޓަށް ހުށަހެޅި އިރު ސިއްރު ކުރަން ޖެހޭ ލިޔުމެއް އޮތްކަން ބަޔާން ނުކުރީ ކީއްވެތޯ ސުވާލު ކޮށްފަ އެވެ. ދައުލަތުގެ ވަކީލް ބުނެފައިވަނީ އެބޭފުޅުން އެހެން ޝަރީއަތެއްގައި 9 ޖެހިއިރު ތިބުމުން ޖަވާބު ފޯމު ކޯޓަށް ހުށަހެޅިއިރު އެކަން ނޭނގޭ ކަމަށެވެ.
ދިފާއީ ވަކީލު ޔާމީންގެ ވާހަކަތައް ވަރަށް ބޮޑަށް ދައުލަތުން އޭނާގެ މުވައްކިލު އިއުތިސާމްއާ ދޭތެރޭ ޕީޖީންނާ ކޯޓު ތަކުން ބޭއިންސާފުން ކަންތައް ކުރާކަމަށް ބުނެފައިވެއެވެ. އަދި 2017 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލައިގެ އިބްތިދާއީ އަޑުއެހުން 3 ފަހަރު ފަށައިގެން ކުރިޔަށްދާ ކަމަށާއި މިއީ ރާއްޖޭގެ ތާރީޚްގައިވެސް މިގޮތަށް ކަންތައް ހިނގާ ފުރަތަމަ ފަހަރު ކަމަށް ޔާމީން ފާހަގަ ކުރިއެވެ.
ހައިކޯޓަށް އިއުތިސާމުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ އެޕްރީލް މަހު ކުރިމިނަލް ކޯޓުން މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން 3 ވަނަ ފަހަރަށް ފެށުމަށްފަހު މައްސަލާގައި ހިމެނޭ ސިއްރު ހެކި ރައްކާ ކުރަން އަލުން ނެރުނު އަމުރާމެދު ހިތްހަމަ ނުޖެހިގެން ހުށަހަޅާފައިވާ އިސްތިއުނާފެކެވެ.
ވަކީލު ޔާމީންގެ ވާހަކަ ތަކުން މިއަހަރު ކުރީކޮޅު ހައި ކޯޓުގައި ބޭއްވި އިއުތިސާމުގެ މި މައްސަލާގެ ކުރިމިނަލް ކޯޓުގެ ބަންދު އަމުރުގެ އިސްތިއުނާފެއްގައި ދައުލަތުގެ ވަކީލު ވަނީ "މިހާރު ސިއްރު ހެކި ނޯންނާނެ" ކަމަށް ބުނެފައިވާ ކަން ހާމަވެއެވެ. އަދި އެމައްސަލަ ބެލި ބެންޗުގައި، މިހާރު ބެންޗުގައި ހިމެނޭ އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާ އަދި އަލްއުސްތާޛާ ދީބާނާޒް ފަހުމީ ހިމެނޭ ކަން ވެސް ފާހަގަ ކޮށްފައިވެއެވެ. އޭގެ ރައްދުގައި ދައުލަތުގެ ވަކީލު ބުނެފައިވަނީ އެއީ ނުރަނގަޅު މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ އަޑުއެހުމުގައި ވާހަކަ ދެއްކި ދައުލަތުގެ ވަކީލު ބުނެފައިވާ ވާހަކައެއް ކަމަށް ބުނެ އެ ވަކީލު ބަދުނާމު ކޮށްފަ އެވެ.
ދިފާއީ ވަކީލު ޔާމީން ވަނީ ދައުލަތުން ދެއަނގައިން ވާހަކަ ދައްކާ ކަމަށް ބުނެ ވަރަށް ބޮޑަށް ދައުލަތަށް ނުރުހުން ފާޅުކޮށްފަ އެވެ.
ޔާމީން ފާހަގަ ކުރި ގޮތުގައި އިއުތިސާމުގެ މައްސަލައަކީ 2017 ވަނަ އަހަރު ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. އޭރު ހުށަހެޅި ދައުވާ ފޯމުގައި ސިއްރު ހެކި ހިމަނާފައި ނުވާކަމަށާއި 2022 ވަނަ އަހަރު މައްސަަލައިގެ ދައުވާ ފޯމް ބަދަލުކޮށް ސިއްރު ހެކި ހިމަނައިގެން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް 2024 ވަނަ އަހަރު 2022 ވަނަ އަހަރު ދައުވާ ފޯމަށް ގެނައި ބަދަލުތަކާއި ސިއްރު ހެކި ނުހިމެނޭނެ ކަމަށް ހައި ކޯޓަށް އިއުތިސާމުގެ ފަރާތުން ހުށަހެޅި މައްސަލައިގައި ނިންމާފައިވާ ކަމަށާ، ދައުލަތާއި ކުރިމިނަލް ކޯޓުން ހައިކޯޓުގެ ނިންމުމާ ޚިލާފުވާ ކަމަށް ޔާމީން ބުނެފައިވެ އެވެ