

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން ސަރުކާރުން ކުރާ މަސައްކަތްތައް މަޑުޖައްސާލަން އިންޑިއާގެ ބާ އެސޯސިއޭޝަނުން ވެސް މިއަދު ގޮވާލައިފި އެވެ.
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ދަ ލޯ އެސޯސިއޭޝަން ފޯ އޭޝިޔާ އެންޑަ ޕެސިފިކް (ލޯއޭޝިޔާ) އިން ވެސް ވަނީ ގޮވާލާފައެވެ. އަދި މިމައްސަލާގައި ކޮމަވެލްތު ލޯޔާސް އެސޯސިއޭޝަނުން ވެސް ވަނީ އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އިންޑިއާގެ ބާ އެސޯސިއޭޝަނުން ބުނެފައި ވަނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ލިބުމުގެ ކުރިން ފަނޑިޔާރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށެވެ.
ފަނޑިޔާރުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ތަހުގީގުގައި ޑިއު ޕްރޮސެސް ފޮލޯ ނުކުރުމާއި ޓްރާންސްޕޭރަންސީ ނެތް މައްސަލައިގައި ދިވެހިރާއްޖޭގެ ބާ ކައުންސިލާއި ލޯއޭޝިޔާ އާއި ކޮމަންވެލްތު ވަކީލުންގެ ޖަމިއްޔާއިން ހިއްސާކޮށްފައިވާ ކަންބޮޑުވުންތައް މި އެސޯސިއޭޝަނުން ވެސް ބަލައިގަންނަން،
މިކަން މިހެން ގޮސްފިނަމަ އަދި އެއީ ހަގީގަތެއް ނަމަ ދިވެހި ސަރުކާރުން ގާނޫނުގެ ވެރިކަމާއި ޖުޑީޝަރީގެ މިިނިވަންކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ކަމަށް ބެލެވެން ނެތް ކަމަށް ވެސް އިންޑިއާގެ ބާ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައިވެ އެވެ.
އެ އެސޯސިއޭޝަނުން ވެސް ވަނީ ރާއްޖޭގެ ބާ ކައުންސިލްގެ ބަޔާނާއި ކޮމަންވެލްތުގެ ލޯޔާސް އެސޯސިއޭޝަން އަދި ލޯއޭޝިއާގެ ބަޔާން އެންޑޯޒްކޮށްފަ އެވެ.
ފަނޑިޔާރުންނަށް ދިފާއުފުވުމުގެ ފުރުސަތު ވެސް ނުދީ، މަގާމުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓުގައި އިޖުރާއީ އެއްވެސް މައްސަލައެއް ނެތް ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން އޮތީ އިއްޔެ ނިންމައިފަ އެވެ. އެގޮތަށް ނިންމީ ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ކޮމިޓީ ބައްދަލުވުމެއްގަ އެވެ.
ކުއްލި ގޮތަކަށް ޖޭއެސްސީން ފަނޑިޔާރުން ސަސްޕެންޑުކުރީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް އެ މެންބަރެއްގެ ގޮނޑިގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން އަންނަނިކޮށެވެ. ޚާއްސަކޮށް، އެ ދުވަހު އެ މައްސަލައިގައި ހިމެނޭ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން ތާވަލުކޮށް، ޝަރީއަތް ފަށަން 15 މިނެޓަށްވެފައި އޮއްވައި ސަސްޕެންޑުކުރުމުން ފާޑުކިޔުން އަމާޒުވިއެވެ.
މި މައްސަލަ ޖޭއެސްސީން ނިންމިއިރު އެކަށިގެންވާ ގޮތެއްގައި ޖަވާބުދާރީވުމުގެ ފުރުސަތު ފަނޑިޔާރުންނަށް ނުލިބޭކަމުގެ ކަންބޮޑުވުން އެ ފަނޑިޔާރުންގެ ވަކީލުންގެ ފަރާތުން ފާހަގަކުރިއެވެ. އަދި، ޖުޑީޝަރީ ކޮމިޓީގައި އެ މައްސަލަ ކުރިއަށްދާއިރު ޖަވާބުދާރީވުމުގެ ފުރުސަތު ދޭން އަޒްމިރަލްދާގެ ފަރާތުން ވެސް ކޮމިޓީގައި އެދިވަޑައިގަތެވެ.
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކި ކުރަން ކުރާ މަސައްކަތް މަޑުޖައްސާލަން ދަ ލޯ އެސޯސިއޭޝަން ފޯ އޭޝިޔާ އެންޑަ ޕެސިފިކް (ލޯއޭޝިޔާ) އިން ވެސް ވަނީ މިއަދު ގޮވާލައިފަ އެވެ. އަދި ކޮމަވެލްތު ލޯޔާސް އެސޯސިއޭޝަނުން ވެސް ވަނީ އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކި ކުރަން މަސައްކަތް ކުރާތީ އދ. އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ އިތުރުން ބައިނަލްއަގްވާމީ ބައެއް ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.