

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ޓީވީ ޕްރެޒެންޓަރު މޫސާ ރިލްވާން އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތަކުގެ ތެރެއިން ކޮމިޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވީ ފަސް ނަމެކެވެ. ރިލްވާނަކީ އެންމެ މަތިން ކޮމިޓީން ޕޮއިންޓު ލިބުނު ފަސް މީހުންގެ ތެރެއިން ހަތަރު ވަނައިގައި އިތް ބޭފުޅާ އެވެ. އޭނަ އަށް ލިބުނީ 81 ޕަސެންޓެޥެ.
ޓީވީއެމްގައި ގިނަ އަހަރުތަކެއް ވަންދެން ޕްރޮޑިޔުސަރު އަދި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ އަދި ހައުސިން މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ރިލްވާން ބްޜޯޑްކޮމް އަށް އައްޔަނުކުރަން ފާސްވީ 70 މެމްބަރުންގެ އިއްތިފާގުންނެވެ. އެހެންކަމުން، އެ ލިސްޓުގައި ދެން އިން ޒަމްއަތުގެ ނަމަށް ވޯޓަށް އަހާފައެއް ނުވެ އެވެ.
ކޮމިޓީން ތަޅުމަށް ފޮނުވި ނަންތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުުނީ ކުރިން ވެސް ބްކޯޑްކޮމްގެ މެންބަރުކަން ކުރައްވާފައިވާ އަދި މި ސަރުކާރުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފައި ވަނިކޮށް މިދިޔަ އަހަރު އިސްތިއުފާ ދެއްވި ޒީނާ ޒާހިރެވެ. އޭނަ އަށް 85.13 ޕަސެންޓު މާކްސް ލިބުނު އިރު، މިއަދުގެ ވޯޓްގައި ލިބުނީ އެންމެ 12 ވޯޓެވެ.