މަހާޒު އަދި އަޒްމިރަލްދާ ފަނޑިޔާރު / ސޯޝަލް މީޑިއާ
ހަބަރު
މަހާޒުއާ އަޒްމިރަލްދާ ވަކިކުރަން މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
13 މޭ 2025
މާލެ ސިޓީ

ކުރިމިނަލް ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވިކަމަށް ބުނެ ސަސްޕެންޑްކުރި ސުޕްރީމު ކޯޓުގެ ދެ ފަނޑިޔާރުން ކަމަށް ފަނޑިޔާރު މަހާޒު އަލީ ޒާހިރާ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު މަގާމުން ވަކިކުރަން މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަސް އެޖެންޑާކޮށްފިއެވެ.

އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ނިންމާ ތަޅުމަށް ފޮނުވާފައިވާއިރު، މިރޭ އޮންނަ އާންމު ކޮމިޓީގެ ބައްދަލުވުމުގައި އެ ދެ މައްސަލައަށް ބަހުސް ކުރުމުގެ ވަގުތު ކަނޑައަޅާނެއެވެ.

މަޖިލީހުން މިފަދަ ނިންމުމެއް ނިންމާފައިވަނީ އެ މަޖިލީހުގެ ކައުންސިލަރ ޖެނެރަލްގެ ލަފަޔާ ޚިލާފަށްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އަޒްމިރާލްދާ އާއި މަހާޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރަން ނިންމައި، ޖޭއެސްސީން މަޖިލީހަށް ފޮނުވި ރިޕޯޓާ ގުޅިގެން ހުރި ކަންބޮޑުވުންތައް ބަޔާންކޮށް އެ މައްސަލަ ދިރާސާ ކުރާ ޖުޑީޝަރީ ކޮމިޓީއަށް ފާތިމަތު ފިލްޒާ ވަނީ ކަރުދާހެއް ފޮނުއްވާފައެވެ. ފިލްޒާ ފޮނުއްވި ކަރުދާހުގައި ވިދާޅުވެފައި ވަނީ އެ ކޮމިޝަނަށް އެއްވެސް މައްސަލައެއް ބެލޭނީ ޖޭއެސްސީގެ ގާނޫނުގައި ބަޔާންކުރާ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ"އިން ކަމަށެވެ.

ނަމަވެސް ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީން ފެށީ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" ގެ ބައިވެރިވުމެއް ނެތި ކަމަށް ވާތީ، އެއީ ޖޭއެސްސީގެ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަ ނުކުރުން ކަމަށް ފިލްޒާ ވިދާޅުވެފައިވެއެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގު ކޮށްފައިވާ މައްސަލަ ބެލުމާމެދު ގޮތެއް ނިންމުމުގައި އެ ކޮމިޝަނުން އަމަލު ކޮށްފައި ވަނީ ގާނޫނު ނަންބަރު 10/2008 [ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނު] ގައި ބަޔާންކުރާ 'މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ "ދައުރެއް ނެތި" އެ އިޖުރާއަތު ފުރިހަމަ ނުކޮށްކަން ފާހަގަ ކުރަން،" ފިލްޒާ ވިދާޅުވެފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމީ އަޒްމިރާލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ސުލޫކީ މައްސަލައެއްގަ އެވެ. ނަމަވެސް، މައްސަލަ ބަލަން ފެށިއިރު ކުރި ތުހުމަތާއި، ޖޭއެސްސީގެ ކޮމިޓީން މައްސަލަ ބަލައި ނިމުނުއިރު އޮތް ތުހުމަތު ބަދަލުވެފައިވާ ކަމަށް އެ ދެ ފަނޑިޔާރުންގެ ވަކީލުން ހާމަކޮށްފައިވެއެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved