އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރަމުންދާ ހިއުމަން ރައިޓްސް ވޮޗުން ވަނީ ތިން ފަނޑިޔަރުންގެ ވެސް މަގާމުތައް އިއާދަކުރަން ގޮވާލާފައި / ސޯޝަލް މީޑިއާ
ހަބަރު
ސަރުކާރުން ބޭނުންވާ ގޮތަށް ފަނޑިޔާރުން ވަކިކުރާތީ ނޭޕާލުގެ ބާ އެސޯސިއޭޝަނުން ވެސް ކަންބޮޑުވެއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
14 މޭ 2025
މާލެ ސިޓީ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމުގެ މަަސައްކަތް ހިނގަމުން ދަނީ އިންސާފުން ބޭރުން ކަމަށް ބެލެވޭތީ، އެކަމާއި ނޭޕާލުގެ ބާ އެސޯސިއޭޝަނުން ކަންބޮޑު ވެއްޖެ އެވެ.

އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.

ޖޭއެސްސީން ފޮނުވި ރިޕޯޓް ރަނގަޅު ކަމަށް ކަނޑައަޅައި، ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވެސް ވަނީ ނިންމައިފަ އެވެ. އަދި ދެ ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިހާރު ވަނީ ފަށައިފަ އެވެ.

އަޒްމިރަލްދާ އާއި މަހާޒުގެ އިތުރުން ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު ސަސްޕެންޑްކުރީ 26 ފެބްރުއަރީގަ އެވެ.

ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ. އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ.

ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ވަގުތީ ގޮތުން ހުއްޓުނުތާ ދެ މަހަށް ވުރެ ގިނަ ދުވަސްވީ އެވެ.

ނޭޕާލް ބާ އެސޯސިއޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ސޮއިކުރައްވައި ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާ އެއް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

ފަނޑިޔާރުގޭގެ މިނިވަންކަމަކީ ޑިމޮކްރަސީގެ ތަނބެއް ކަމަށާއި ފަނޑިޔާރުގެއަށް އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވިގެން ނުވާނެ ކަމަށް ނޭޕާލް ބާ އެސޯސިއޭޝަނުން ބުނެފައިވެ އެވެ. އަދި ރާއްޖޭގެ ބާ ކައުންސިލުން މިކަމުގައި ނެރެފައިވާ ބަޔާނަށް އެ އެސޯސިއޭޝަނުން ވަނީ ފުރިހަމައަށް ތާއީދުކޮށްފަ އެވެ.

ފަނޑިޔާރުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ތަހުގީގުގައި ޑިއު ޕްރޮސެސް ފޮލޯ ނުކުރުމާއި ޓްރާންސްޕޭރަންސީ ނެތް މައްސަލައިގައި ދިވެހިރާއްޖޭގެ ބާ ކައުންސިލާއި ލޯއޭޝިޔާ އާއި ކޮމަންވެލްތު ވަކީލުންގެ ޖަމިއްޔާއިން ހިއްސާކޮށްފައިވާ ކަންބޮޑުވުންތައް މި އެސޯސިއޭޝަނުން ވެސް ބަލައިގަންނަން،

- ނޭޕާލުގެ ބާ އެސޯސިއޭޝަން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކި ކުރަން މަސައްކަތް ކުރާތީ އދ. އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ އިތުރުން ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފަނޑިޔާރުން ވަކިކުރާ މައްސަލައިގައި ގިނަ އާންމުން ވެސް އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަން ކުރަނީ ސަރުކާރުން ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވަން ކަމަށް އެ ބޭފުޅުން ތުހުމަތުކުރައްވަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved