އަބްދުﷲ ޝާހިދު / ސޯޝަލް މީޑިއާ
ހަބަރު
އެމްޑީޕީގެ ރައީސްކަމަށް ޝާހިދު ވާދަކުރައްވަނީ
Aisha
އައިޝް
18 ފެބްރުއަރީ 2024

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެމްޑީޕީގެ ރައީސްކަމަށް ވާދަކުރައްވާނެކަން މިއަދު އިއުލާނުކުރައްވައިފިއެވެ.

ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލާން ގަސްދުކުރައްވާ ކަމަށާއި އެމްޑީޕީގެ ރައީސްގެ މަޤާމަށް އިންތިހާބުވުމަށްޓަކައި އެމްޑީޕީގެ އާއްމު މެންބަރުންގެ ތާއީދާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ.

"އާ ފޯރިޔަކާއި އާ ޖޯޝަކާ އެކު، އާ ބާރެއްގައި އެމްޑީޕީ ނުކުމެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިޔުމަށް އެންމެން އެކުވެ، އަތުގުޅާލަންވެއްޖެކަން ބަލައިލި ކޮންމެ ދިމާލަކުން މިއަދު މިއޮތީ ފެންނާށެވެ." އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ރައީސްކަމަށް ވާދަކުރައްވާކަން އިއުލާނުކުރައްވަމުން ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައިސަކު ހޮވަން ބާއްވާ އިންތިޚާބު މާޗު މަހުގެ ދެވަނަ ދުވަހު ބާއްވަން ނިންމައި، އެ މަޤާމަށް ކުރިމަތިލާން އެދޭ މެންބަރުން މި މަހުގެ 20 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ކުރިމަތިލާން ވަނީ ހުޅުވާލައިފައެވެ.

އެމްޑީޕީގެ ރައީސަކަށް ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު 21 ޖޫން 2023 ވަނަ ދުވަހު ޕާޓީން ވަކިވެ ވަޑައިގަތުމާއި ގުޅިގެން ޕާޓީގެ ރައީސްގެ މަޤާމު ވަނީ ހުސްވެފައެވެ. އެމްޑީޕީގެ ވެރިކަން 2023 ގައި ބަދަލުވުމާއެކު އެމްޑީޕީގެ ވަގުތީ ރައީސަކަށް ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

ޝާހިދުއަކީ ރައީސް ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނާއި އެންމެ ގާތުން މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެ ސަރުކާރުގެ އެންމެ ބޮޑު ޚާރިޖީ ކާމިޔާބީގެ ގޮތުގައި ސިފަކުރާ އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތުވެސް ޝާހިދު ވަނީ ބަލަހައްޓަވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގަތީ އެ މަޤާމުގައި ހުންނަވަނިކޮށެވެ. މިދިޔަ ފަސް އަހަރު ފޮރިން މިނިސްޓަރަކަށް ހުންނެވި ޝާހިދު އެމްޑީޕީގެ ރައީސްކަމަށް ނުރަސްމީ ސިފައެއްގައި ކެމްޕޭން ކުރައްވާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ.

ޝާހިދު އެކްސްގައި ކުރައްވާފައިވާ ޕޯސްޓް
ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved