

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަމުން ދަނިކޮށް، އެތަނުގައި އިންނެވި އޭރުގެ ޕޮލިސް ކޮމިޝަނަރަށް ގުޅި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ޓްރާސްޕޯޓް މިނިސްޓަރު އަމީން ނުފޫޒު ފޯރުވި ކަމަށް ބުނެ އެމްޑީޕީން ވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިފަ އެވެ.
އެ މައްސަލާގައި ކޮށްފައިވާ އެއް ތުހުމަތަކީ ތަހުގީގަށް ނުފޫޒު ފޯރުވުމަށް އޭރުގެ ސީޕީއަށް މިނިސްޓަރު އަމީން ގުޅުއްވި ކަމުގެ ތުހުމަތެވެ. ޔުމްނުގެ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދިޔައިރު، މިނިސްޓަރު އަމީން ސީޕީއަށް ގުޅުއްވި ކަމަށް އޭނާ ވިދާޅުވާ އަޑު އިވެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް އޭނާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވެވަޑައިގަންނަވަމުން އަމީން ވިދާޅުވީ ޕޮލިސް ކޮމިޝަނަރަށް ގުޅުއްވީ ފުލުހުން ކުރަމުންގެންދިޔަ ތަހުގީގު ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ނަމަވެސް އެ ދުވަހު ނޫސްވެރިން ސުވާލު ކުރުމުން ސުޖާއު ވިދާޅުވެފައި ވަނީ ތަހުގީގާ ގުޅިގެން މިނިސްޓަރު އަމީން ނުގުޅުއްވާ ކަމަށެެވެ.
ބުނެވިދިޔަ ހާދިސާއާ ގުޅިގެން އިތުރަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބައްލަވާ ކަންކަމަށްޓަކައި ބައެއް ތަންތަން ކޯޓު އަމުރުގެ ދަށުން ބަލައި ފާސްކުރާ ވާހަކަ، އެ ސާވިސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވުމާއި އަދި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެެރިން އަޅުގަނޑު ދިރިއުޅޭ ގޭގެ ނަން ކިޔަމުން ދިޔުމުން، އަޅުގަނޑު ގޭގެ އެހެން އޯނަރުންނާ ވާހަކަ ދެއްކުމަށްފަހު އަޅުގަނޑުމެންގެ ގެއަށް ފުލުހުން އައުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެކަން ދެންނެވުމަށް އޭރުގެ ކޮމިޝަނަރު އޮފް ޕޮލިސްއަށް ދެންނެވުމަށް ގުޅާފައި ވާނެ،
މިއަދުގެ މަޖިލީހުގައި ތަކުރާރުކޮށް އަމީން ވިދާޅުވީ، މި މައްސަލައިގައި އޭނާ ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ.
ޔުމްނު ވެއްޓުނު ރޭ އެންމެ ފުރަތަމަ ޒުވާނުންތަކެއް ޕާޓީކޮށްފައިވަނީ އަމީން ދިރިއުޅޭ ގޭގެ ޓެރެސްގައި ކަމަށް މިހާރު ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުން އެނގެ އެވެ. އެ ގެ ފުލުހުން ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ބަލައި ފާސްކޮށްފައި ވާއިރު އެ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައެއް ނުވެ އެވެ. އަދި އެ ގޭގެ ސީސީޓީވީ ފުޓޭޖް ވެސް ލިބިފައެއް ނުވެ އެވެ.
އެ މައްސަލަ ފެންމަތިވުމާ އެކު އަމީންއާ އާއިލީ ގުޅުން އޮންނަ މީހެއް ކަމަށްވާ އިޒްދިޔާން މުހައްމަދު މައުމޫން ވަނީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުން ވަކިކޮށްފަ އެވެ.
މި ހާދިސާއަށް ހަ ދުވަސްވީ ފަހުން ފުލުހުން ވަނީ އެރޭ ޔުމްނުއާއެކު އުޅުނު ރައުދު ހައްޔަރުކޮށްފަ އެވެ. އޭނާ ވަނީ މަސްތުވާތަކެއްޗަށް ވެސް ޕޮޒިޓިވްވެފައެވެ. ރައުދުގެ ބަންދު ހަތަރުވަނަ ފަހަރަށް އިތުރުކޮށް، މިއަަދު ވަނީ އިތުރު 20 ދުވަސް އޭނާގެ ބަންދަށް ޖަހައިފަ އެވެ.
އުމުރުން 21 އަހަރުގެ ޔުމްނު މިހާރު ވަނީ އިތުރު ފަރުވާއަށް އާއިލާއިން މެލޭޝިއާއަށް ގެންގޮސްފަ އެވެ. ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އާންމުން ތުހުމަތު ކުރަމުން ދަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މައްސަލަ ތަހުގީގުކުރުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ.
އެކޮމިޝަނުން ކުރާ މަސައްކަތުގެ ތަފްސީލެއް މިހާތަނަށް އާންމުންނަށް ހާމަކޮށްފަ އެއް ނުވެއެވެ. އެކޮމިޝަނަށް އިތުބާރު ނުކުރާކަމަށް ޔުމްނު އާއިލާއިން ވަނީ ބުނެފަ އެވެ