

ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް (ޑަބްލިއުޑީސީ)ގެ މެންބަރުންގެ ހުސްވާ މަގާމުތަކަށް ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބިލް ފާސްކުރުމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބިލް ފާސްކުރީ 53 މެންބަރުންގެ ވޯޓުންނެވެ. އިބްތިދާއީ ބަހުސްގައި ވެސް ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވީ ބިލް ފާސްކުރުމާ ދެކޮޅަށެވެ.
މި ބިލު ދިރާސާކުރި ލާމަރުކަޒީ ކޮމިޓީން ބިލް ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެސް އެވެ. ބިލު ފާސްކުރުމަށް ކޮމިޓީ ބާއްވާފައިވަނީ ވެސް ރޭ ދަންވަރު 12:30 ގަ އެވެ.
ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ ޕީއެންސީ މެމްބަރު އަލީ މޫސާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ބައި އިލެކްޝަންތައް ބާއްވަންޖެހޭ އަދަދު އިތުރުވަމުންދާތީ، ހަރަދު ކުޑަކުރުމާ އެކު، މިހާރު ހިނގަމުންދާ ކައުންސިލުތަކުގެ ދައުރު ހަމަވާން ގާތްވެފައިވާތީ އިތުރު ބައި އިލެކްޝަނެއް ބާއްވަން ނުޖެހޭ ގޮތަށެވެ.
މިހާރު އޮތް ކައުންސިލްގެ ދައުރު ހަމަވާނީ އަންނަ އަހަރު 17 މޭގަ އެވެ. އެ މުއްދަތަށް ބާކީ މިހާރު އޮތީ 370 ދުވަހެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލުގެ ގޮނޑިއެއް ހުސްވާއިރު، ކައުންސިލް އުމުރުގެ ބާކީ 365 ދުވަހަށްވުރެ ކުރު ނޫން ނަމަ ބައި-އިލެކްޝަން ބާއްވަން ޖެހެ އެވެ.
މިއަދު މަޖިލީހުން ފާސްކުރި ބިލާއެކު މާލޭ ޑެޕިއުޓީ މޭޔަރުކަމުގައި ހުންނެވި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް މިދިޔަ 12 މާޗުގައި އިސްތިއުފާ ދެއްވުމުން ހުސްވި އެ މަގާމަށް މީހަކު އިންތިހާބު ކުރާކަށް ނުޖެހޭނެ އެވެ.
ސަރުކާރުން ބައެއް އިންތިހާބުތައް މި ވަގުތު ނުބާއްވަން ގާނޫނަށް ބަދަލު މިގެންނަނީ ރައީސް މުއިއްޒު އަށާއި އެމަނިކުފާނުގެ ސަރުކާރަށް ރައްޔިތުންގެ ތާއީދު ވަރަށް ބޮޑަށް ގެއްލިފާ ވާ ދަނޑިވަޅެއްގައި އެވެ.
ސަރުކާރުން އިންތިހާބު ނުބާއްވަން ބަހަނާ ދައްކާ ގާނޫނު އިސްލާހު ކުރާތީ އެ ބިލަށް ބަހުސް ކުރައްވަމުން ކަނޑިތީމު ދާއިރާގެ މެންބަރު، އަމީން ފައިސަލް ވިދާޅުވީ މި ވީހައި ދުވަހު އިންތިހާބުތައް ނުބާއްވަން ކުރާ މަސައްކަތް ފިޔަވައި އިތުރު ކަމެއް ހަރަދު ކުޑަ ކުރުމުގެ ގޮތުން ސަރުކާރުން ކުރާ ތަން ނުފެންނަ ކަމަށެވެ.
އެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެންބަރުން ވަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުން ކުރަންޖެހޭ ހަމައެކަނި ކަމަކީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުންތޯ ސުވާލު އުފައްދަވައިފަ އެވެ.
ބިލްގެ ބަހުސްގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ ހަރަދު ކުޑަކުރެވޭނެ އެހެން ގޮތްތައް ހޯދަން ޖެހޭ ކަމަށެވެ.