ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން / -
ހަބަރު
މަޖިލީހުގެ ފުރަތަމަ ދައުރު ނިންމާލިއިރު ފާސްކުރެވުނީ އެންމެ 9 ބިލު!
Mariyam Isaadha
މަރިޔަމް އިސާދާ
16 މޭ 2025
މާލެ ސިޓީ

ސަރުކާރުގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިންމާލިއިރު އެ މަޖިލީހުން ފާސްކުރީ އެންމެ 9 ބިލު ކަން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި ފާސްކުރެވުނީ އެންމެ ނުވަ ބިލުކަން ހާމަވެފައިވަނީ މަޖިލީހުގެ އިދާރާއިން އާންމުކުރި ތަފާސްހިސާބުތަކުންނެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި، 32 ޖަލްސާއެއް ބާއްވާ ނުވަ ބިލު ފާސްކުރިކަމެވެ. މިކަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދައުރުގެ ފަހު ޖަލްސާ ނިންމާލަމުން ވެސް ވިދާޅުވެފައިވެއެވެ.

އާންމުކުރި ތަފްސީލީ ތަފާސްހިސާބުތަކުގައި މި ދައުރުގައި މަޖިލީހުން ވަނީ ޖުމްލަ 19 ބިލެއްގެ މަސައްކަތް ކޮށްފަ އެވެ. އެއީ މިދިޔަ ދައުރުން ލިބުނު ނުވަ ބިލަކާއި އަލަށް ހުށަހެޅި 10 ބިލެކެވެ. ފާސްނުކުރާ 10 ބިލުގެ ތެރެއިން ނުވަ ބިލެއް ކޮމިޓީގައި އޮތްއިރު އެއް ބިލު އޮތީ ތަޅުމުގައެވެ.

މި ދައުރުގެ ތެރޭ ފާސްކުރި މުހިންމު ބިލުތަކުގެ ތެރޭގައި އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައި ބިލާއި ދުންފަތުގެ ޖެނެރޭޝަނަލް ބޭން ބިލާއި ގޭންގު ބިލު ހިމެނެއެވެ.

މީގެ އިތުރުން މި ދައުރުގައި ސަރުކާރުން ހުށަހެޅި 38 މަސައްކަތެއް ކޮށް 37 މަސައްކަތެއް މަޖިލީހުން ވަނީ ނިންމާފަ އެވެ. އަދި، ރިޔާސަތުން ހުށަހެޅި ނުވަ މަސައްކަތެއްގެ ތެރެއިން ހަތް މަސައްކަތެއް މަޖިލީހުން ނިންމިއެވެ.

މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ދަށްކަމަށް ފާހަގަވީ ވަޒީރުންނާ ކުރާ ސުވާލުތަކެވެ. މިދިޔަ ދައުރުން ލިބުނު ސުވާލުތަކާއެކު މެންބަރުން ކުރި 48 ސުވާލެއް އޮތް އިރު އޭގެތެރެއިން ނިމުނީ 34 ސުވާލެވެ. ތަޅުމުގައި އަދިވެސް 14 ސުވާލެއް އެބައޮތެވެ. ފާހަގަކޮށްލެވޭ ގޮތުގައި ވަޒީރުންނާ ކުރާ ސުވާލުތައް ލަސްވުމާ ގުޅިގެން އިދިކޮޅު މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ ޖުޑިޝިއަރީއަށް ނުފޫޒު ފޯރުވާ ދެ ފަނޑިޔާރަކު ވަކިކުރުމަށް ފަހު ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved