

ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރު އދ.ގެ ނިއުކްލިއާ އެޖެންސީގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ކަމަށް ބުނެ އިންޑިއާއިން ޝަކުވާކޮށްފި އެވެ.
މިފަހުން އިންޑިއާގެ މައްޗަށް ޕާކިސްތާނުން ހަނގުރާމަކޮށް ކުރިހޯދުމުން އިންޑިއާ އިން އަންނަނީ ޕާކިސްތާނުގެ އަސްކަރިއްޔާ އާއި ގުޅޭ ގޮތުން ގިނަ ޝަކުވާތަކެއް ކުރަމުން ނެވެ.
އެގޮތުން އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަންޖަތު ސިންގު މިފަހުން ވިދާޅުވީ ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރަކީ އައިއޭއީއޭ [އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ]ގެ ބެލުމުގެ ދަށަށް ގެންނަން ޖެހޭ އެއްޗެހި ކަމަށެވެ.
ސިންގް މިހެން ވިދާޅުވެފައި މިވަނީ ނިއުކްލިއާ ގާބިލްކަން ލިބިފައިވާ ވާދަވެރި ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި، ތިރީހަކަށް އަހަރުގެ ތެރޭގައި ހިނގި އެންމެ ވަރުގަދަ އަސްކަރީ ކުރިމަތިލުމަށް ފަހުގަ އެވެ.
ސިންގް ވާހަކަތަކާއި ގުޅިގެން އިންޑިއާގެ ބައެއް މީހުން ހިމެނޭހެން އިންޑިއާ އަށް އަންނަނީ މިހާރު ގިނަ ސުވާލުތަކެއް ކުރަމުން ނެވެ. އެގޮތުން ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރު އދ.ގެ ނިއުކްލިއާ އެޖެންސީގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ކަމަށް ބުނާއިރު އިންޑިއާގެ ނިއުކުލިއާ ހަތިޔާރު ހުންނަން ޖެހެނީ "މޯދީ" ގަނޑުވަރުގަތޯ ބައެއް މީހުން ވަނީ ސުވާލުކޮށްފަ އެވެ.
އަދި އިންޑިއާގެ ނުރައްކާ މިހާރު ވެސް މުޅި ދުނިޔެއަށް ހާއްސަކޮށް އޭޝިއާގެ ގައުމުތަކަށް ކުރާލެއް ބޮޑުކަމަށް ބައެއް މީހުން އަންނަނީ ބުނަމުން ނެވެ. މިސާލެއްގެ ގޮތުން މިފަހުން އިންޑިއާ އިސްވެ ޕާކިސްތާނަށް އަސްކަރީ ހަމަލާ ދިނުމުން އެކަން އިތުރަށް ސާފުވެއްޖެ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.
ޕާކިސްތާނުގެ ދިފާއުގައި އިންޑިއާއަށް އަސްކަރީ ހަމަލާދިނީ ވަރަށް ދުވެލި ބާރު މިސައިލްތަކަކުން ކަމަށް ބުނެ ވެސް އިންޑިއާއިން މިފަހުން ވަނީ ޝަކުވާކޮށްފަ އެވެ.
މި ޝަކުވާއެއް އިންޑިއާއިން މި ކުރީ ޕާކިސްތާނަށް އިންޑިއާ އިސްވެ ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިންޑިއާގެ ކަޝްމީރު ފަޅީގައި އޮންނަ ޖަމްމޫއަށް ޕާކިސްތާނުން ޑްރޯން ހަމަލާތަކެއް ދީފަ ވަނިކޮށެވެ.
އިންޑިއާއަށް ހަމަލާދިނުމުގައި ޕާކިސްތާނުން ހަނގުރާމަމަތީ ޑްރޯން -- "އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލް (ޔޫސީއޭވީ) އަދި ދުރު ރާސްތާ މިސައިލާއި، ޖެޓުފައިޓަރު އަދި ޖާނުންފިދާވާ ބާވަތުގެ ޑްރޯން -- އުދުހިދާ ގޮތަށް ގޮސް ތަނެއްގައި ޖެހިގަނެ އަމިއްލައަށް ގޮވާ ބާވަތުގެ ޑްރޯން ބޭނުންކުރި ކަމަށް އިންޑިއާއިން ބުންޏެވެ.
އަދި މިއީ ވަރަށް ދުވެލި ބާރު މިސައިލްތަކެއްކަމުން އެއަށް އަމާޒިހިފަން އުދަގޫކާމަށް އިންޑިއާގެ އަސްކަރިއްޔާއިން ވަނީ އެއްބަސްވެފައި އެވެ.
އިންޑިއާގެ ހަމަލާތަކާ އެކު ޕާކިސްތާނުން އާޓިލަރީ ހަމަލާތައް ފަށައި، ހަތަރު ދުވަސް ވަންދެން ދެ ގައުމުން ބޯޑަރު ހުރަސްކޮށް ބަޑީގެ ހަމަލާތަކާއި ޑްރޯން އަދި ފައިޓަ ޖެޓުން ހަމަލާދީފައިވެ އެވެ. ހަމަލާތަކުގައި ދެ ގައުމުން ގާތްގަނޑަކަށް 70 މީހުން ވަނީ މަރުވެފަ އެވެ.
އިންޑިއާގެ އަސްކަރީ ފަސް ޖެޓް ވައްޓާލިކަން ކަށަވަރު ކޮށްދެއްވަމުން ޕާކިސްތާނުގެ ދިފާއީ ވަޒީރު ހަވާޖާ މުހައްމަދު އާސިފް ވިދާޅުވިގޮތުގައި ޕާކިސްތާނުން ވައްޓާލި އިންޑިއާގެ ފައިޓާ ޖެޓްތަކުގެ ތެރޭގައި ހިމެނެނީ ފަސް ޖެޓެކެވެ. އެއީ ފަރަންސޭސިވިލާތުގައި އުފައްދާ ރަފަލް މަރުކާގެ ތިން ޖެޓަކާއި ރަޝިއާގައި އުފައްދާ އެސްޔޫ-30 މަރުކާގެ ޖެޓަކާއި މިގް-29 މަރުކާގެ ޖެޓެކެވެ.
އިންޑިއާގެ ފަސް ޖެޓް ވައްޓާލި ކަމަށް ޕާކިސްތާނުގެ ދައުލަތުގެ މީޑިއާއިން ވެސް ބުނެފައި ވާއިރު މި ވާހަކަތަކަށް އިންޑިއާއިން އަދި ސާފު ޖަވާބެއް ނުދެ އެވެ. ނަމަވެސް ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ޕާކިސްތާނުން ދައްކާ ވާހަކަ ޔާގީންކޮށްދެ އެވެ.
ޕާކިސްތާންގެ ޑިފެންސް މިނިސްޓަރު ހުވާޖާ މުހައްމަދު ވިދާޅުވީ އިންޑިއާ އިން ހަމަލާތައް ދެމުންދާ ނަމަ، ޕާކިސްތާން ފަހަތަށް ނުޖެހޭނެ ކަމަށާއި ރައްދު ހަމަލާތައް ދިނުމުގެ ސާބިތުވެ ތިބޭނެ ކަމަށެވެ.
ނިއުކްލިއާ ދެ ބާރު ކަމަށްވާ އަދި ދެކުނު އޭޝިޔާ ސަރަހައްދުގެ މައި ދެ ބާރުގެ ގޮތުގައި ބެލެވޭ އިންޑިޔާއާއި ޕާކިސްތާނާ ދެމެދުއިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ގޯހުން ގޯހަށް ބަދަލުވަމުން ދާއިރު ގައުމުތަކުން ދަނީ އިތުރަށް ގޯސްވިޔަނުދީ ސުލްހަޔަށް އިސްކަން ދިނުމަށް ވެސް ގޮވާލަމުންނެވެ.