މޯލްޑިވްސް 2.0 ސަމިޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- / ރައީސް އޮފިސް
ހަބަރު, ސިޔާސީ
މުއިއްޒުގެ ޑިޖިޓަލް ފަސްޓް ނޭޝަން ދަތުރުގައި ބައިވެރިނުވާން އެސްޓީއޯއިން ރާއްޖޭގެ ފުރަތަމަ ސްމާޓް ޝޮޕް ބަންދުކުރަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
18 މޭ 2025
މާލެ ސިޓީ

ރާއްޖެއަށް ޑިޖިޓަލް ދާއިރާއިން އިންގިލާބީ ބަދަލުތަކެއް ގެނައުމަށް އިފުތިތާހުކުރި "މޯލްޑިވްސް 2.0"ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ފެށިފާވަނިކޮށް އެކަމަށް ހިތްވަރު ނުދީ ރާއްޖޭގެ ފުރަތަމަ "ސްމާޓް ޝޮޕް" އެސްޓީއޯއިން ރަސްމީކޮށް ބަންދު ކުރަން ނިންމައިފި އެވެ.

"މޯލްޑިވްސް 2.0"ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓްގެ ތެރެއިން ރާއްޖެ ޑިޖިޓަލައިޒް ކުރާނެ ގޮތާ މެދު ފުޅާދާއިރާއެއްގައި ބަހުސްކޮށް، ހުރިހާ އިދާރާތަކުން އެއްބަސްވާ ކަންކަން މިފަހުން ވަނީ ނިންމާފަ އެވެ. ސަރުކާރުގެ ސިޔާސަތަކީ ޑިޖިޓަލައިޒް ކުރެވި ހިއުމަން އިންޓެވެންޝަން ކުޑަކުރުމެވެ.

"މޯލްޑިވްސް 2.0" ނުވަތަ "ޑިޖިޓަލް ފަސްޓް ނޭޝަން" އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ޑިޖިޓަލައިޒޭޝަނުގެ ސަބަބުން އޮފީހުގައި ތިބެގެން މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މަދުކުރެވޭނެ ކަމަށެެވެ. އެ ބަދަލު ގެންނާނީ 2028 ވަނަ އަހަރުގެ ކުރީކޮޅު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ 2040 ވަނަ އަހަރަށް ރާއްޖެއަކީ ތަރައްގީ ވެފައިވާ ގައުމަކަށް ހެދުމަކީ އެ މަނިކުފާނު ގަސްދު ކުރައްވާ ކަމެއް ކަމަށާއި އެ މަންޒިލަށް ވާސިލުވުމަށް ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ.

ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ތެރެއިން އެސްޓީއޯއިން 2023 ވަނަ އަހަރު ހުޅުމާލޭގައި ހުޅުވި "ސްމާޓް ޝޮޕުން" ކުރާ ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ވެސް ކުރެވޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. ފިހާރައަށް ވަދެވޭނީ އެޕްލިކޭޝަން މެދުވެރިކޮށް ޖެނެރޭޓު ކުރާ ކިއުއާރު ކޯޑު ބޭނުން ކޮށްގެން ނުވަތަ ފޭސް ރިކޮގްނިޝަން ފީޗާ ބޭނުން ކޮށްގެންނެވެ. އެޕްލިކޭޝަނުގައި ރެޖިސްޓަރީ ވުމަށް ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި ތިން ރުފިޔާ ބޭންކަށް ކަނޑާނެ އެވެ. ނަމަވެސް އެ ތިން ރުފިޔާ ސްޓޯ ކުރެޑިޓުގެ ގޮތުގައި އެމީހަކަށް އެސްޓީއޯއިން އަނބުރާ ދޭނެ އެވެ.

އެޕްލިކޭޝަން މެދުވެރިކޮށް ރެޖިސްޓަރީވުމަށްފަހު އެ ފިހާރައަށް ވަދެ އެމީހަކު ބޭނުންވާ އެއްޗެހި ނަގަމުންދާ ވަރަކުން އެޕްލިކޭޝަނުގެ ކާޓަށް އެ ތަކެތި އިތުރުވަމުންދާނެ އެވެ. ވިޔަފާރީގެ މުއާމަލާތް ނިމޭނީ އެމީހަކު ގަންނަން ބޭނުންވާ އެއްޗެހި ހިފައިގެން ފިހާރައިން ބޭރަށް ނުކުތުމުންނެވެ. ފިހާރައިން ނުކުތުމާއެކު އެޕްލިކޭޝަން މެދުވެރިކޮށް ފޯނަށް ރަސީދު ލިބޭނެ އެވެ.

އެ މުއާމަލާތް ކުރުމަށް ބޭނުން ކުރަނީ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގައި ހުންނަ "ޓޯކަނައިޒޭޝަން" ކިޔާ ފީޗާ އެކެވެ. އެ ފީޗާއަކީ ޕާސްވޯޑެއް ނުޖަހައި ފައިސާގެ މުއާމަލާތްތައް ކާޑުން ކުރެވޭ، ރައްކާތެރި ފީޗާ އެކެވެ.

ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ދަތުރުގައި އެންމެ ފުރަތަމަ އާންމުންނަށް ބޭނުން ކުރުމަށް ރާއްޖޭން ލިބުނު ޑިޖިޓަލް ޝޮޕިންގެ ފުރުސަތަކީ އެސްޓީއޯގެ ސްމާޓު ފިހާރައި އެވެ. އެފިހާރައިގައި މުދަލުގެ އަގު ވެސް ޖަހާފައި ހުންނާނީ ޑިޖިޓަލް ޓެގުތައް ބޭނުން ކޮށްގެންނެވެ.

މިއަދު އެފަދަ 4000 އަށްވުރެ ގިނަ ސްމާޓު ފިހާރަ ދުނިޔޭގެ އެކި ކަންކޮޅުގައި ހިންގަމުންދެ އެވެ. ނަމަވެސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ވިޔަފާރި ކުރެވޭ ގޮތަށް ރާއްޖޭގައި ފުރަތަމަ ހުޅުވި "ސްމާޓް ޝޮޕް" ބަންދު ކުރަން މިހާރު އެސްޓީއޯއިން މިވަނީ ނިންމާފަ އެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ސްމާޓް ސްޓޯ ބަންދުވާނެ ކަމަށެވެ. އަދި އެތަނުގައި ދެން ހުޅުވާނީ ބޭސް ވިއްކާ ފިހާރައެއް ކަމަށެވެ. އެސްޓީއޯ އިން "ސްމާޓް ޝޮޕް" ބަންދުކޮށް އެ ސަރަހައްދުގައި ބޭސް ފިހާރަ ހުޅުވަން ބުނާއިރު އެސްޓީއޯގެ ބޭސް ފިހާރައެއް ހިމެނޭހެން ގިނަ އަމިއްލަ ބޭސް ފިހާރަތަކެއް ވެސް އެ ސަރަހައްދުގައި ހިދުމަތް ދެއެވެ.

އެސްޓީއޯގެ މި ނިންމުމާގުޅިގެން ޓެކްނޮލޮޖީ ދާއިރާގެ މީހުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުން ނެވެ. އެގޮތުން ރާއްޖެ ސްމާޓް ކުރަން ބުނެ ބޮޑެތި ސަމިޓްތައް ބާއްވާ ސަރުކާރުގެ ވެރިން މޮޅު ވާހަކަ ދެއްކުމަށްފަހު ރާއްޖޭގައި ފުރަތަމަ ހުޅުވި "ސްމާޓް ޝޮޕް" ބަންދު ކުރުމުން މިދަނީ ރާއްޖެ ފަހަތަށް ކަމަށް އެމީހުން ބުނެ އެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ މިފަދަ ދެކޮޅު ނުޖެހޭ ސިޔާސަތުގެ ސަބަބުން ސިޔާސީ ބޭފުޅުންނާއި އާންމުންގެ ނުރުހުން ސަރުކާރަށް މިހާރުވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

އެގޮތުން "ޑިޖިޓަލް ފަސްޓް ނޭޝަން" ނަމުގައި ސަރުކާރުން އުޅެނީ އީ ވޯޓިން ގެނެސް ވޯޓަށް ނުފޫޒު ފޯރުވުމާއި އާންމުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރަން ކަމަށް ބުނާ ބުނުމަށް "ސްމާޓް ޝޮޕް" ބަންދު ކުރުމުން ބާރު ލިބިއްޖެ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved