

ފެހި ގާނޫނު އަސާސީ ތަސްދީގު ކުރެއްވުމާ ހަމައަށް ރާއްޖޭގެ ހުރިހާ ކަމެއް ނިންމުމުގެ ބާރު އޮތީ ވަލިއްޔުލް އަމްރުގެ އަތްޕުޅުގައެވެ. ޔައުނީ އޭރެއްގައި ހުންނަވާ ރައީސެއްގެ އަތްޕުޅުގައެވެ. ނަމަވެސް އެކަމަށް ނިމުމެއް އައީ 2008 ވަނަ އަހަރު ފާސްކުރި ފެހި ގާނޫނު އަސާސީއާ އެކުއެވެ. އެއާއެކު ރާއްޖެ އަކީ ތިން ބާރު ވަކިވެފައި އޮތް ރިޔާޒީ ނިޒާމެއްގެ ތެރެއިން ވެރިކަން ކުރާ ގައުމަކަށް ވެގެންދިޔައެވެ. ކަޅާ ހުދުން އެހެން ލިޔެ ބަޔާންކޮށް ތަސްދީގުކުރިތާ މިހާރު 17 އަހަރު ފާއިތުވެގެންދާއިރު ރާއްޖޭގެ މިހާރުގެ ހާލަތަށް ނަޒަރު ހިންގާލާއިރު މިކަމާ ބަހެއް ދޮޅު ބަހެއް ބުނެލަން ޖެހޭއޭ ޟަމީރުބުނެއެވެ.
އެގޮތުން ރާއްޖޭގައި އޮންނަން ފެންނަނީ ތިން ބާރު ވަކިވެފައި އޮންނަ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުން ނިންމީ ފެންނަ ނުފެންނަ ވޯޓަކުންނެވެ. ނަމަވެސް އެއަށް ފަހު ގިނަ ވެރިކަންތަކުގައި ތިން ބާރުން އެއް ބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ފޯރުވާ ވާހަކައަކީ ނުހަނު ގަދަކޮށް ދެކެވޭ ވާހަކަ އެވެ. ޚާއްސަކޮށް ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާ ވާހަކައަކީ ހޮޅުއަށިތަކުންނާޖަނބުރޯލު ގަސްދޮށުގެ ޖޯލިަތީގައި ނުހަނު ގަދައަށް ނިމިދިޔަ ފަސް އަހަރުވެސް ދެއްކި ވާހަކަތަކެވެ.
ކަންމިހެން އޮތްއިރު މިއަދު ގައުމުގައި ކަންކަން ހިނގަމުންދާ އުސޫލަށް ބަލާއިރު މިއީ ތިންބާރު ވަކިވެފައި އޮތް ގައުމެކޭ ބުނެވިދާނެތޯ މިއީ ހިތުގައި އުފެދޭ ބޮޑު ސުވާލެކެވެ. ޖަވާބު ހޯދާލަން ގިނަ ބަޔަކާ ސުވާލުކޮށްލުމުން ދޭ ޖަވާބަކީ ކަނބުލޮ ތިހެން ތިކަން ވާނީ ކިހިނެއް ހެއްޔޭ ރައީސް އޮފީހުން އެއޮތީ ހުރިހާ ދިމާއެއް މުށުތެރެއަށްލާ ފިއްތާލާފައި ނޫން ހެއްޔެވެ.
ތެދެކެވެ. އެއީ ނުހަނު ސާފުކޮށް ފެންނަން އޮތް މަންޒަރެކެވެ. ނަމަވެސް ރައީސް މީހާގެ ބަސްފުޅު މިކަމުގައި ދެގޮތެވެ. އެމަނިކުފާނު ވިދާޅުވީ ގޮތުގައި އެމަނިކުފާނަކީ އެއްވެސް ބާރަކަށް ނުފޫޒު ފޯރުވާ ބޭފުޅެއް ނޫނެވެ. ބައެއް ކަންކަން ހިނގާފައި ހުރީ އިއްތިފާގުން ކަމަށެވެ. އެގޮތުން ގޮނޑި ގެއްލޭ ބިލުގެ ދުސްތޫރީ މައްސަލައެއް އޮޮއްވާ ފަނޑިޔާރުން މަދުކުރަން ގާނޫނެއް ސަރުކާރުން ހުށަހެޅީ ވެސް އިއްތިފާގުންނެވެ.
ކޮންމެ މަހަކު ވަކި ދުވަހަކާ ދިމާކޮށް މާލޭގައި ހުންނަ "އެންމެ" ބޮޑު ގެސްޓު ހައުސްއިން މަޖިލީހަށް ނިސްބަތްވާ ޕީއެންސީ މެމްބަރުން ކަޅު ދަބަހުގައި ބަރުކޮށް ތަކެތި މުލިއާގެއަށް އުފުލަނީ ވެސް އިއްތިފާގެކެވެ.
މަޖިލީހުގެ މެމްބަރުން ލޮކު އަޅުވާ ދިވެހި ރާއްޖޭގެ ސުޕްރީމު ކޯޓުގައި މަރު ތަޅު އެޅުވީވެސް އިއްތިފާގަކުންނެވެ. ޖޭއެސްސީގައި ވެސް ރައީސް މުހައްމަދު މުއިއްޒުގެ މެޖޯރިޓީ ބޭފުޅުން ތިބެމެ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލައެއް ވެސް ގޮނޑި ގެއްލޭ ބިލުގެ ދުސްތޫރީ މައްސަލައާ ދިމާކޯށް އުފަންވކުރުވީ އިއްތިފާގަކުންނެވެ. މަޖިލީހުގައި ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮވެ، ޖުޑިޝިއަރީއަށް ނުފޫޒު ނުފޯރުވާނަމޭ ވިދާޅުވި ރައީސްގެ މަޖިލީހުން އަސްލެއް ނެތް އަސާސެއްގެ މައްޗަށް ބިނާކޮށް ފަނޑިޔާރުންތަކެއް ކައުންސިލަރ ޖެނެރަލްގެ ލަފަޔާ ޚިލާފަށް ވަކިކުރީ ވެސް އިއްތިފާގެކެވެ.
ކަންކަން މިމަގުން ކުރިއަށްދާއިރު މަޖިލީހަކީ މިއަދު ރައީސް މުއިއްޒު ކާންދެއްވައިގެން ބޮޑު ކުރާ މެމްބަރުން ތަކެއްގެ ގޮތުގައި ސިފަކުރެއެވެ. ޔައުނީ ކޮންމެ މަހަކު މުލިއާގެއިން އެ މެމްބަރުންނަށް ފައިސާ ބަހާކަމަށް އަޑު ފެތުރިފައިވާވުމާއެކު މަޖިލީހަކީ މިއަދު ރަބަރ ސްޓޭމްޕެއްގެ ގޮތުގައި ފެނިދާތީއެވެ.
ފައިސާގެ ނުފޫޒާއި ބާރުވެރިކަމުގެ ގަދަ މަޖުބޫރުގައި ބަނދެވި ތިއްބަވައިގެން ނަމަވެސް އެ މެންބަރުން އަމިއްލަ އަތްޕުޅުން ގެންނެވި "އިސްލާހަ"ކަށް ނުވާ އިސްލާހެއްގެ ބާރުގައި އެ ތިއްބެވީ ބަރުބޮޑު ސަރުކާރުގެ ދަށުވެފައެވެ.
މަޖިލީސް މިނިވަންވެދާނެކަމުގެ ބިރު ބޮޑުވެ، ސަރުކާރުގެ ގަދަފަދަކަމަށް ލޮޅުން އަރައިފާނެހެން ހީވީމާ ފަނޑިޔާރުގެއަށް އެ ޒަލްޒަލާ އައުން އެއީ "އިއްތިފާގެކޭ" ވިދާޅުވެ ނިންމައެއް ނުލެވޭނެއެވެ.
ފަނޑިޔާރުންނަކީ މިނިވަންކަމާ އެކު މަސައްކަތްކުރެވެން ޖެހޭނެ ބަޔަކަށްވާއިރު ރައީސްއަށް ކާމިޔާބު ނުވާނެ މައްސަލައެއް ސުޕްރީމު ކޯޓުގައި ފެށުމާއެކު ފަނޑިޔާރުން ނިޒާމުން ގެއްލުވާލީއެވެ. ނުވީތާކަށް އެ ފަނޑިޔާރުން ވަކިކުރަން ވޯޓު ނުދިން ފަނޑިޔާރުންވެސް ނިޒާމުން ގެއްލުވާލަން މިހާރު އަރުވާ ޖަހަނީއެވެ. މިހިރަ ފެންނަނީ ލަދު ހުތުރު މަންޒަރެވެ. ތިން ބާރު ވަކިވެފައޭ ކިޔާ މިއަދު ކުރަމުން މިދަނީ ސީދާ ޚުދުމުހުތާރު ވެރިކަމެކޭ ބުނަން މަޖްބޫރުވެއްޖެއެވެ.
ރީތިކޮށްލާފައި "އިއްތިފާގެކޭ" ވިދާޅުވި ނަމަވެސް ފެންނަނީ ބާރުތައް ޖަމާކުރައްވާ ތަނެވެ. ގާނޫނު އަސާސީގެ އެންމެ ބޮޑު އެއް އަސާސް "މުގުރާލައި" ތަނެވެ. ވަކިވެފައި އޮތް ތިން ބާރުގެ ބަދަލުގައި ބޮޑު އެއް ބާރު ހެއްދެވުމުގެ މަގުމަތީ އުޅުއްވާ މަންޒަރެވެ.
ތިން ބާރުގެ މިނިވަންކަން އެބައޮތް ކަމާ މެދު މިހާ ހިސާބުން ސުވާލު އުފެދެއެވެ.