
ރޫލް އޮފް ލޯ ހިންގައި ގާނޫނަށް އިހްތިރާމް ކޮށްގެން ގާނޫނު ތަންފީޒުކުރުމަށް، ކުރާ އެއްވެސް މަސައްކަތެއް ރައީސް މުހައްމަދު މުއިއްޒަށް ކުރެވިފައި ނެތް ކަމަށް ކުރީގެ ނައިބު ރައިސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ނައިބުކަން ވެސް ކުރައްވާ ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ، މިހާރު ރައީސް މުއިއްޒުގެ ސަރުކާރުން ވަކި ބަޔަކު ފްރޭމުކޮށް ވަކި ބަޔަކު ފުލުހަށާ ކޯޓުތަކަށް ހާޒިރުކޮށްގެން ކުރިއަށް ގެންދާ މައްސަލަތަކަށް އިޝާރާތްކުރައްވާ މިދިޔަ އާދިއްތަ ދުވަހުގެރޭ ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޑރ ޖަމީލު ވިދާޅުވީ، ގައުމުގައި ޚައްސާސް ބޮޑެތި މައްސަލަަތއް ނުބެލި ވަޅު ޖެހި ފުނިޖެހިފައި އެބަ ހުރި ކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުގެ ތެރެއިން ރައީސް މުއިއްޒުގެ އަރިސް މީހުން އެކި މަގާމުތަކުގައި ތިބެ ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާ ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުންތަކެއް ވަގަށް ސިނގިރޭޓު ރާއްޖެއަށް އެތެރެ ކުރި މައްސަލަތަކާ ވެރިން ލެވެލްގެ ބޭފުޅުންގެ ދަރިންގެ މައްޗަށް ކުރެވިފައިވާ މަސްތުވާތަކެއްޗާ ވޭޕުގެ މައްސަލަތައް ފަދަ މައްސަލަ ހުރިކަން ޑރ ޖަމީލު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެފަދަ ބޮޑެތި ކަންކަމުގެ ތަހުގީގު ނުހިންގާ، ސިޔާސީ މޯޓިވޭޝަނެއްގައި ވަކި ވަކި މީހުންނަށް ބިރު ދައްކާ މައްސަލަތަކެއް ފުލުހުންނާ ޝަރުއީ ނިޒާމު މެދުވެރިކޮށް ހިންގުމަކީ މިއަދު ދެރަވަރުގެ ކަންކަން ކަމަށެވެ.
ގައުމުގައި މިހާރު ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ނިޒާމާ މެދު ހިތާމަ ކުރައްވާ ކަމަށް ވެސް ޑރ ޖަމީލު ވަަނީ ވިދާޅުވެފައެވެ.










