

ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓްތައް ދިނުމާ ގުޅޭގޮތުން ލަފާދިނުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އެކަލަވާލެއްވި ކޮމިޓީއިން ތައްޔާރުކުރި ރިޕޯޓު ގެއްލިއްޖެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ފަހި ޔޫނިއަން" އިން އެ ރިޕޯޓް ހޯދުމަށާ އަދި ފްލެޓް ކޮމިޓީއަށް ކުރި ޚަރަދުގެ ތަފްސީލު ހޯދުމަށް ވެސް ހައުސިން މިނިސްޓްރީގައި އެދުމުން މައުލޫމާތު ދީފައިނުވާތީ އެ ޔޫނިއަނުން ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އެ މައްސަލަ ހުށަހަޅާފައެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ބައިވެރިވި ހައުސިން މިނިސްޓްރީގެ ބޭފުޅުން އެ ރިޕޯޓާ ގުޅިގެން މައުލުމާތު ދެއްވަމުން ވިދާޅުވީ ހައުސިންގ މިނިސްޓްރީ ކުރިން ހިނގަމުން ދިޔަ އިމާރާތް (ގްރީން ބިލްޑިންގ) އެނދުމުގެ ސަބަބުން މިނިސްޓްރީގެ ސާވާއަށް ގެއްލުންތަކެއް ލިބިފައިވާއިރު ގެއްލުން ރިކަވާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށާ އަދި އެ ގެއްލުންތައް ރިކަވާ ނުކުރެވޭނަމަ އެ ރިޕޯޓް ނޯންނާނެ ކަމަށެވެ.
ފްލެޓް ކޮމިޓީއަށް ކުރި ޚަރަދުގެ ތަފްސީލު ހިއްސާނުކުރުމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނުގެ އޮފީހުން ސުވާލުކުރުމުން ހައުސިން މިނިސްޓްރީގެ ލީގަލް އޮފިސަރު ވިދާޅުވީ ހައުސިން މިނިސްޓްރީގެ ޕޯޓްފޯލިއޯ ބަދަލު ވެގެން އައި އިރު އެބައިގެ ތެރޭގައި ޚަރަދުތަކާ ބެހޭ ތަފްސީލެއް ނެތް ކަމަށެވެ.
ރައީސް ޑރ މުއިއްޒުގެ ސަރުކާރަކީ ހާމަކަން ބޮޑުކޮށް، އެއްވެސްކަމެއް ރައްޔިތުންނަށް ސިއްރުކުރުމަކާ ނުލާ ކުރިއަށް ގެންދާނެ ސަރުކާރެއް ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އެކި ފަރާތްތަކުން ހޯދަން އެދޭ މައުލޫމާތު ވެސް ނުލިބި ގިނަ ފަހަރު އައިކޮމްއަށް މައްސަލަ ހުށަހަޅާ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަން ފާހަގަކޮށްލެވެއެވެ.