

ގއ. ކޫއްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ޕްރޮޝަރު ބޮޑުވެ، ކޫއްޑޫގެ އޮޕަރޭޝަންތައް ހުއްޓާލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިހުތިޖާޖު ކުރަމުން ދަނީ މިފްކޯއަށް ކިރި މަހަށް ފައިސާ ނުލިބިގެންނެވެ.
މަސްވެރިންނަށް އެއްވެސް މިންވަރަކަށް ފައިސާ ނުލިބޭތާ ތިން މަހެއްހާ ދުވަސް ވެފައިވާތީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ވަދެ މަސްވެރިން އާދިއްތަ ދުވަހުގެ ހެނދުނު ކުރަން ފެށި އިހުތިޖާޖު މިއަދުވެސް ދަނީ ކުރިއަށެވެ.
މަސްވެރިންގެ ޕްރެޝަރު ބޮޑުވެ ހުރިހާ އޮޕަރޭޝަންތަކެއް ވެސް ހުއްޓާލާފައިވާއިރު މަސްވެރިންގެ ޝަކުވާއަކީ ރޯދަ މަސް ގާތްވަމުން އައުމާ އެކު އަތްމަތި ދަތިވެ ގޭގެ ޒަރޫރީ ބޭނުންތައް ނުފުއްދި ތިބެން ޖެހުމެވެ. އެގޮތުން ސަރުކާރުގެ ޔުޓިލިޓީ ހިދުމަތްތަކާއި އިންޓަނެޓްގެ ވަސީލަތްތަކާއި ބޭންކު ލޯނުތަކަށް ފައިސާ ނުދެއްކި މަސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ބޮޑުވުމަކީ އެވެރިންގެ ނުހަނު ބޮޑޫ ކަންބޮޑުވުމެކެވެ.
ކޫއްޑޫގެ މުޒާހަރާ ހޫނު ބޮޑުވެ، އިއްޔެ ށ. އަތޮޅުގައި ހުންނެވި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ހަވީރު ކޫއްޑުއަށް ވަޑައިގެން މަސްވެރިންނާ މަޝްވަރާކުރައްވައިފަ އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މަސްވެރިންނަށް ނުދެވި ގާތްގަނޑަކަށް 298 މިލިއަން ރުފިޔާ އެބަ އުޅެ އެވެ. އެ ފައިސާ އަންނަ މާޗު 5، ގެ ކުރިން ދައްކާ ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ސަރުކާރު އައި ފަހުން ތިން މަސްވީއިރު، އެއިން ދެ މަސް ދުވަހުގެ ފައިސާ ނުލިބޭ ކަން މަސްވެރިން ފާހަގަ ކުރެ އެވެ. ސަރުކާރުން ބުނާ ގޮތުގައި، ސަރުކާރާ ހަވާލުވި އިރު ވެސް 250 މިލިއަން ރުފިޔާ ބެކްލޮގުގައި ހުއްޓެވެ. މަސްވެރިންނަށް ނުދީ ހުންނަ ފައިސާގެ އަދަދު، މި ފަހުން އަބަދުވެސް 300 މިލިއަނެއްހާ ރުފިޔާގައި އުޅެއެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ، ނިންމަވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.
ސެޕްޓެމްބަރު 16, 2023 ގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް މަހުގެ އަގު 25ރ. އަށް ބޮޑުކުރި އެވެ. ނަމަވެސް, މި ސަރުކާރުން ވަނީ ފެބްރުއަރީ 12، 2024 އިން ފެށިގެން އަނެއްކާ ވެސް މަހުގެ އަގު 20ރ. އަށް ކުޑަކޮށްފައެވެ.