ސިޔާސީ މަގްސަދު ހާސިލްކުރަން ބޭނުންކުރާ ހަނގުރާމައިގެ މައިދާނަކަށް ކޯޓުތައް ބަދަލުވަނީ! / ތޭރަގްރެފިކްސް
ރިޕޯޓު
ސިޔާސީ މަގްސަދު ހާސިލްކުރަން ބޭނުންކުރާ ހަނގުރާމައިގެ މައިދާނަކަށް ކޯޓުތައް ބަދަލުވަނީ!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
24 މޭ 2025
މާލެ ސިޓީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނާއި މެދު ރައީސް މުއިއްޒުގެ ސަރުކާރުން ކޮންޓްރޯލް ކުރާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނާއި އަދި ރައްޔިތުންގެ މަޖިލީހުން ކަން ކުރަމުންދާ ގޮތުން ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު އދ. ހިމެނޭހެން ދުނިޔޭގެ ބާ ކަުންސިލްތަކުން މިހާރު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިހާލަތައް ރާއްޖެ ދާނެ ކަމަށް އުންމީދު ކުރީ ކާކު ހެއްޔެވެ. ރައީސް މުއިއްޒުގެ ވެރިކަމުގެ ދަތުރުގައި ދެއްކެވި ވާހަކަތަކުން އަޑު އިވުނީ ޝަރުއީ ދާއިރާ މިނިވަން ވާނެ ވާހަކަ އެވެ. ޖޭއެސްސީ ސިޔާސީންގެ އަތްދަށުން މިނިވަންކޮށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ހުއްޓާލާނެ ވާހަކަ އެވެ.

ނަމަވެސް ކަންވެ މިދަނީ ރައީސް މުއިއްޒު ވިދާޅުވުމާއި ދިމާ އިދިކޮޅަށެވެ. ޖޭއެސްސީއަށް ފަނޑިޔާރުންގެ މައްސަލަތަކުގައި ގުޅުއްވާ ހައްދަވަނީ ސީދާ ރައީސް މުއިއްޒު އެވެ. އެކަން އެގޮތައް ކުރައްވާ ކަމަށް ރައީސް މުއިއްޒު މިފަހުން ވަނީ ލައިވް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުތިރާފް ވެލައްވާފައި އެވެ. ވިދާޅުވީ ފަނޑިޔާރުންގެ ކަންތަކުގައި ޖޭއެސްސީގެ ރައީސް އަށް އަދި އެތަނުގައި ތިއްބަވާ "އެމަނިކުފާނުގެ މީހުންނަށް" ގުޅުއްވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައިގައި މައުލޫމާތު ސާފު ކުރެއްވިން ކަމަށެވެ.

ރައީސް މުއިއްޒުގެ މިވާހަކަތަކުން ގާނޫނުއަސާސީގައި ދިވެހި ދައުލަތުގެ ނިޒާމު ތަރުތީބުކޮށްފައި އޮންނަ ގޮތުން ތިންބާރު ވަކިވުމަށް ސާފުކޮށް ބާރުލިބޭ ނިޒާމަށް ހުރަސް އެޅެއެވެ. ވެރިކަން ކުރާ ބާރުން އަދުލު އިންސާފުގެ ބާރަށް ފޯނު ކުރާނަމަ ދެން އުފެދޭނީ އދ އިން އެ ބުނާފަދަ ހާލަތެކެވެ. އެއީ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ބުނުމުގެ ފުރުސަތު އޮތުމެވެ.

ޖުޑީޝަރީއަށް އިތުބާރު ލިބޭނީ ޖޭއެސްސީ މިނިވަންކޮށްގެން ކަމަށް ވަކާލާތުކުރެއްވި މި ސަރުކާރުގެ އިސް ބޭފުޅަކީ މިހާރުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމެވެ. އަމިއްލަ މެންބަރެއްގެ ގޮތުގައި ވިލިމާލެ ދާއިރާގެ މެންބަރަކަށް ހުންނެވި އުޝާމް އޭރު ދެއްވި އިންޓަވިއުތަކުގައި ވިދާޅުވީ ޖޭއެސްސީގައި ސިޔާސީ މީހުން ތިބޭހާ ހިނދަކު ރައްޔިތުންގެ ތެރެއިން ކޮންމެވެސް އެއް ބަޔަކު ހަމަ ސުވާލު އުފައްދާނެ ކަމަށާއި  ސަރުކާރަށް ތާއީދުނުކުރާ މީހުންގެ އިތުބާރެއް ޖޭއެސްސީއަކަށް ނޯންނާނެ ކަމަށެވެ އަދި ވިދާޅުވީ ޖޭއެސްސީގައި ސިޔާސީ މީހުން ތިބިހާހިދަކު އެ އިތުބާރެއް ޖުޑީޝަރީއަކަށް ނުލިބޭނެ ކަމަށެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާކަމަށް ބުނެ ގައުމުގެ އެތެރެއިންނާއި ބޭރުން ބުނާއިރު ޖޭއެސްސީ މެދުވެރިކޮށް އެމްޑީޕީގެ ސަރުކާރުގައި ޖުޑީޝަރީއަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރައްވައި، އެންމެ ހަރު އަޑުން ވާހަކަ ދެއްކެވި އެއް ބޭފުޅަކީ މިހާރުގެ ރައީސް މުއިއްޒެވެ.

ޖުޑީޝަރީއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ހުއްޓުނީ ކަމަށް އެ ދުވަހު ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މިދިޔަ މަހެއްހާ ދުވަހު ކަން ހިނގަމުންދިޔަ މަންޒަރުތައް ހުރީ އެ ގޮތަކަށް ނޫނެވެ. ސަރުކާރުން ހުށަހަޅައިގެން، ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކެއް ބާތިލްކުރަން ސުޕްރީމް ކޯޓަށް ވެއްދި މައްސަލައެއް ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ނިންމުމާއެކު ރާއްޖޭގެ އެންމެ މަތީ ކޯޓުގައި ވަގުތުން "ތަޅު އެޅުވި" އެވެ. އެ ދުވަހުން ފެށިގެން ސުޕްރީމް ކޯޓުގެ ފުރިހަމަ ކޮންޓްރޯލް ލިބެންދެން މެންބަރުން ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ވެސް މެންބަރުކަން ގެއްލޭ ގޮތަށް ގެނައި އިސްލާހުގެ މައްސަލަ އޮތީ ކޯޓުގައި ހުއްޓިފަ އެވެ.

މިއާއެކު ސަރުކާރުގެ ބާރުގެ ދަށުގައި މަޖިލިސް ބާއްވަން ވެގެން، ގާނޫނުއަސާސީއަށް ގެނައި ބަދަލު ސުޕްރީމް ކޯޓުން ބަދަލުކޮށްފާނެތީ ފަނޑިޔާރުން "އެހެލީ" ކަމަށް ބުނާނެ ޖާގަ އެބަ އޮތެވެ. ފަނޑިޔާރުން ސަސްޕެންޑްކުރި ވަގުތު ދިމާވަނީ ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުން ފަށަން އުޅުނު ވަގުތާ އެވެ.

މިއީ ދެން އިއްތިފާގެއް ނޫން ކަމަށް ރައީސް މުއިއްޒު އަށް ހީފުޅުވެލެއްވިޔަސް ދިވެހިން މިހާރު މާ ސްމާޓް އެވެ. ރައީސް މުއިއްޒުގެ ސިޔާސީ ޗަރުކޭސް ދިވެހި ރައްޔިތުން ބަލާ ފޫހި ވެއްޖެ އެވެ. ރައްޔިތުން މިއަދު ރައީސް މުއިއްޒުއަށް ދެއްވާ "ގެރެންޓީ" އަކީ ރައީސް މުއިއްޒު ޖުޑިޝަރީ ކޮންޓްރޯލުކޮށްފި ކަމެވެ. ހަމައެކަނި ރައީސް ޔާމީންގެ ޝަރީއަތްތައް މިހާރު ދާގޮތުން ވެސް މިހެން ބުނަން ދިވެހިންނަށް ހިތްވަރު ލިބެ އެވެ.

ސިޔާސީ އެދުންތަކުގެ ބޭނުން ހިފުމުގައި ކޮންޓްރޯލެއް ނެތި ހައްދުފަހަނައަޅައި ގޮސްފި ނަމަ އެއީ ރިވެތި އަހުލާގަށް އޮތް ގޮންޖެހުމެކެވެ. ނުބައިކަންތައްތައް ކުރުމަށް ހުޅުވޭ މަގެކެވެ. މިއަދު ރައީސް މުއިއްޒުގެ ފުށުން އެ ފެންނަނީ އެ މަންޒަރެވެ. ސިޔާސީ މަގްސަދު ހާސިލްކުރަން ބޭނުންކުރާ ހަނގުރާމައިގެ މައިދާނަކަށް ކޯޓުތައް ބަދަލު އެވަނީ އެހެންވެ އެެވެ!

ކަންތައް މާ މައްޗަށް ހިނގައްޖެ އެވެ. ބައިބައިވުން އުފެދި، ތަޅާފޮޅައި، ދެން ފެނިގެންދާނީ ސިޔާސީ ބޭނުމަށް އެކަކު އަނެކަކުގެ މައްޗަށް ގަދަވެގަތުމުގައި ވަލު ޖަނަވާރަށް ދޫނުކޮށް ވަރުގަދަ އެތި އައިސް ނިކަމެތި އެތި ޝިކާރަ ކުރާ ފަދައިން ނުވަތަ ބޮޑުއެތި އައިސް ކުޑައެތި ކާލާ ފަދައިން "ފނޑޔރނ"ގެ އަމަލުތައް ހިނގަން ފަށާތަނެވެ.

އެ ދުވަސް ނުދައްކަވާށި އެވެ. އާމީން

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved