

ބްރޮޑްކާސްޓިން ކޮމިޝަންގެ ނިންމުންތަކަށް އެއްބާރުލުން ނުދޭތީ އެ ކޮމިޝަންގެ ސެކެރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ މަގާމުން ވަކިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޒީނިޔާ މަގާމުން ވަކިކުރީ، ބްރޮޑްކޮމްގެ ގާނޫނުން ލާޒިމްކުރާ ޒިންމާ އަދާ ކުރުމުގައި އާއި ކޮމިޝަން ހިންގުމުގައި އިހުމާލުވެ، ބްރޮޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމާއި ކޮމިޝަންގެ ނިންމުންތަކަށް އިޙުތިރާމު ކުޑަކުރުމުންނެވެ.
ޒީނިޔާ މަގާމުން ވަކިކުރިކަން އޭނާއަށް ކޮމިޝަނުން އަންގާފައިވަނީ މިއަދުގެ މެންދުރު ފަހު 3:00 ހާކަން އިރުއެވެ. ޒީނިޔާ މަގާމުން ވަކިކުރުމުގެ ކުރިން މަގާމުގެ މަސްއޫލިއްޔަތުން އެނާ ދުރުކޮށް ސަސްޕެންޑްކޮށްފައިވެއެވެ. މައްސަލައިގައި ޖަވާބުދާރީވާން އެންގުމުން އެ ކޮމިޝަނަށް ޒީނިޔާ ޖަވާބުދާރީވެފައިވެއެވެ.
ތިން ދުވަހުގެ މުއްދަތަކަށް ސަސްޕެންޑުކުރުމަށް ފަހު ޒީނިޔާ މިއަދު މަގާމުން ވަކިކުރިއިރު އޭނާ ސަސްޕެންޑްކުރުމުން އިހުތިޖާޖު ކުރުމުގެ ގޮތުން އޭނާއަށް ތާއީދުކުރާ މުވައްޒަފުން އިހުތިޖާޖު ކުރުމުގެ ގޮތުން ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކޮށްފައިވެސް ވެއެވެ.
ޒީނިޔާ މަގާމުން ވަކިކޮށްފައިވާއިރު، އޭނާ މުވައްޒަފަކާ މެދު އަމަލުކުރުމުގައި ގަސްތުގައި އަނިޔާވެރިވެ، މަގާމުގެ ބޭނުން ނުހައްގު ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މީގެ ކުރިން ކޮމިޝަނުން ބަލައިފައި ވެއެވެ. އަދި ބްރޯޑްކޮމްގެ ރައީސް ޞަފާ ޝަފީގްއާ މެދު އިޙުތިރާމު ކުޑަކޮށް، އަމަލީ ގޮތުން އެކަން ދައްކައިފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.
އެ މައްސަލައިގައި އޭނާއަށް ކޮމިޝަނުން އަނގަ ބަހުން ނަސޭހަތްތެރިވި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.