މިފްކޯގެ ސީއީއޯ އަދި އެމްޑީ ކަމަށް ހަމަޖެއްސުމަށް ފަހު ތިން މަސް ތެރޭ ވަކިކުރި ޑރ. ވިޓާލް / މިފްކޯ
ހަބަރު
ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރުމުން މިފްކޯގެ ކުރީގެ ސީއީއޯ ޓްރައިބިއުނަލަށް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
27 މޭ 2025
މާލެ ސިޓީ

މިފްކޯއަށް ގެނައި ބޭރުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑރ. ވިޓަލީ ލިއުބިމޯވް އެ މަގާމުން ވަކިކުރީ ނޯޓިސް ދިނުމަކާ ނުލައި ކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފި އެވެ.

ވިޓަލީ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ މާޗް 3، ގައި އޭނާ ވަޒީފާއިން ކަނޑާލާފައި ވަނީ ތިން މަސް ދުވަހުގެ ނޯޓިސް ނުވަތަ އެ މުއްދަތަށްވާ މުސާރަ ނުދީ ގާނޫނާ ހިލާފަށް ކަމަށެވެ. ވިޓަލީގެ ތިން މަސްދުވަހުގެ މުސާރައަކީ 42،000 ޑޮލަރު 647،640 ރުފިޔާ އެވެ.

އެ މައްސަލަ ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށް މިފްކޯއިން ވަނީ ބުނެފަ އެވެ. ނަމަވެސް ޓްރައިބިއުނަލުން ނިންމީ އެތަނަށް އެ މައްސަލަ ބެލޭނެ ކަމަށެވެ. އަދި މައްސަލައިގައި ޖަވާބުދާރީވުމަށް ވެސް މިފްކޯއަށް ވަނީ އަންގައިފަ އެވެ.

މީގެކުރިން މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް ވެސް މުސާރަ އާއި އިނާޔަތްތައް ނުލިބިގެން ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފައިވެ އެވެ.

ރައީސް މުއިއްޒު ސަރުކާރުގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން ބޭރުގެ މާލީ ތަޖުރިބާކާރުންގެ ކުރިމަތީ ރާއްޖެ ވަނީ ވަރަށް ބޮޑަށް ބަދުނާމު ވެފައި އެވެ.

އެގޮތުން މުއިއްޒު ކުންފުނިތަކަށް ނުފޫޒު ފޯރުމުމާއި ހިންގުމަށް ސިޔާސީ ހުރަސް އެޅުމާއި މުސާރައިގެ އޮނިގަނޑަށް ސަރުކާރުން އަތްބާނާތީ ކުންފުނިތައް ހިންގަން ދަތިވެފައިވާ ކަމަށް މާލީ ތަޖުރިބާކާރުން އަންނަނީ ބުނަމުން ނެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރު ހިންގާ ކުންފުނިތަކުގެ ވެރިން ބަދަލުކުރުން މިހާރު ވަނީ ބޮޑު "މަޖާ" ގަޑަކަށް ވެފައި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved