

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ދަތުރު ކުރެއްވި މަތިންދާ ބޯޓުގައި ބޮމެއްއޮތް ކަމަށް އިންޒާރު ލިބި ބޯޓު އެމަޖެންސީގައި ޖައްސައިފިއެވެ.
މެއި މަހުގެ 15 ވަނަދުވަހު ނައިބު ރައީސް ހަވާއީއަށް ވަޑައިގެންނެވި ބްލޫ ޕްލެނެޓް ޖަމިއްޔާއިން ބޭއްވި ފެލޯ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. ހާދިސާ ދިމާވީ އެ ޕްރޮގްރާމް ނިންމަވާ ލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށްޓަކައި ނިއު އޯލީންސްއަށް ކުރެއްވި ދަތުރުފުޅުގައެވެ.
އެމަނިކުފާނު ދަތުރުފުޅުކުރެއްވީ ހަވާއީގެ ހޮނޮލުލޫ އިން ނިއު އޯލީންސްއަށެވެ. ދަތުރު ކުރެއްވީ ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓު 1169 އެވެ.
ބޯޓުގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ލިޔެފައިވަނީ އެބޯޓުގެ ފާހާނާގެ ލޯގަނޑެއްގައެވެ. އަދި މި މައްސަލަ އެމެރިކާގެ އެފްބީއައި އިން ދަނީ ތަހުގީގު ކުރަމުންނެވެ. އިންޒާރު ފެނުމާއެކު ބޯޓު ވަނީ ރިރޫޓުކޮށް، އަލުން ހޮނޮލުލޫއަށް ޖައްސައިފައެވެ.
ދިވެހި ސަރުކާރު ފަރާތުން މިކަމާއި ގުޅިގެން ނައިބު ރައީސްއަށް އެއްވެސް އެހީތެރިކަމެއް ލިބިފައި ނުވާކަމަށްވެއެވެ. އަދި މީގެ އެއްވެސް މައުލޫމާތެއް ސަރުކާރުން ދީފައި ވެސް އަދި ނުވެއެވެ. އަދި މިހާދިސާއާއި ގުޅިގެން އަދި މިހާތަނަށްވެސް އެމަނިކުފާނު ރާއްޖެ ވަޑައިނުގަންނަވާ ކަމުގައި ވަނީ މައުލޫމާތު ލިބިފައެވެ.