ނައިބު ރައީސް ހުސެއިން ހަވާއީއަށް ފުރާވަޑައިގަންނަވަން ރޭ އެއާޕޯޓުގައި / ރައީސް އޮފިސް
ހަބަރު, ސިޔާސީ
ދަރަނީގެ ކަންބޮޑުވުން އޮތަސް ސަރުކާރުވެރިންގެ ދަތުރުތައް ނުހުއްޓޭ، ނައިބު ރައީސް އެމެރިކާއަށް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
16 މޭ 2025
މާލެ ސިޓީ

އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ކެނޑި ނޭޅި ދިވެހި ސަރުކާރާއި ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ގޮވާލަމުން ދަނިކޮށް އެކަމަށް ބެއްލެވުމެއްނެތި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އެމެރިކާގެ ހަވާއީއަށް ކުރައްވާ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގެންފި އެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި، ބްލޫ ޕްލެނެޓް އެލަޔަންސްގައި ދިވެހިރާއްޖެ ބައިވެރިވެ، އެ ފަރާތުން ބާއްވާ ފެލޯޝިޕް ޕްރޮގްރާމްގެ ޖަލްސާގައި ހާއްސަ މެހެމާނެއްގެ ގޮތުން ވާހަކަފުޅު ދައްކަވާނެ އެވެ.

ހަވާއީގެ ހޮނަލޫލޫގައި މިމަހުގެ 18 އިން 23 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެ އެވެ.

އާމްދަނީ އިތުރުކުރަން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅި ނަމަވެސް ވީހާ ވެސް އަވަހަށް ހަރަދުކުޑަކުރަން ބޮޑެތި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އައިއެމްއެފުން ގޮވާލާފައިވެ އެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތަށް ބަލާއިރު، ދަރަނި ބޮޑުވުމާ ގުޅިގެން ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން މީގެ ކުރިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީޒްއިން ވަނީ ރާއްޖޭގެ ރޭޓިން "ސީއޭއޭ2"އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން "ސީސީ"އަށް ދަށްކޮށްފަ އެވެ.

އޭގެ ފަހުން އަނެއްކާ ވެސް މޫޑީޒްއިން ތައްޔާރުކޮށްފައިވާ ޕީރިއަޑިކް ރިވިއުއިން ދިވެހިރާއްޖޭގެ ރޭޓިން މިވަނީ "ސީއޭއޭ2"ގައި ދަމަހައްޓައިފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved