ރައީސުލްޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ނައިބު އަލްއުސްތާޛު ހުސެއިން މުޙައްމަދު ލަޠީފް ޔޫގެންޑާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޚަރަދު ތަފްސީލް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރުމާއެކު އަނެއްކާވެސް ސަރުކާރުގެ ދަތުރެއްގައި ޚަރަދު ބޮޑުކޮށްފައިވާކަން ހާމަވެއްޖެއެވެ.
މިދިޔަ މަހުގެ 17 އިން 24 ގެ ނިޔަލަށް ނާއިބު ރައީސް ކުރެއްވި މި ދަތުރުފުޅަކީ ނޮން-އައިލެންޑް މޫވްމަންޓް (ނާމް) ގެ 19 ވަނަ ސަމިޓްގެ ގައުމުތަކުގެ އިސްވެރީންގެ ބައްދަލްވުމުގައި ބައިވެރިވެވަޑައިގަތުމަށާއި ގްރޫޕް އޮފް 77 އެންޑް ޗައިނާ -- ޖީ77 ދަށުން ބާއްވާ ތިންވަނަ ސައުތު ސަމިޓް ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެެއްކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން އަންގާރަ ދުވަހު ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން އާންމުކުރައްވާފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ނައިބު ރައީސްގެ މި ދަތުރުފުޅުގައި ބިޒުނަސް ކްލާސް ޓިކެޓުގައި ތިން ބޭފުޅަކު ވަނީ ދަތުރުކުރައްވާފައެވެ.
ކޮށްފައިވާ ޚަރަދުތަކަށް ބަލާލާއިރު:
ބިޒްނަސް ކްލާސް ތިން ޓިކެޓް - 346،657.02 (ތިން ލައްކަ ސާޅިސް ހަހާސް، ހަ ސަތޭކަ ފަންސާސް ހަތެއް ޕޮއިންޓް) ރުފިޔާ
އިކޮނޮމިކް ކްލާސް ހަތް ޓިކެޓް - 304،190.34 ( ތިން ލައްކަ ހަތަރު ހާސް، ސަތޭކަ ނުވަދިހަ ޕޮއިންޓް ތިރީސް) ރުފިޔާ
ޕޮކެޓް މަނީ (10 ބޭފުޅަކަށް) - 95،232.00 ( ނުވަދިހަ ފަސްހާސް ދުއިސައްތަ ތިރީސްދެ) ރުފިޔާ
ފަރިއްކޮޅު ހަރަދު - 48،736.74 (ސާޅީސް އަށް ހާސް ހަތް ސަތޭކަ ތިރީސް ހަ) ރުފިޔާ
ސްޓޮޕްއޯވާ - 18،494.00 (އަށާރަ ހާސް ހަތަރު ސަތޭކަ ނުވަދިހަ ހަތަރު) ރުފިޔާ
އިންސިޑެންޓަލް ހަރަދު - 441.27 (ހަތަރު ސަތޭކަ ސާޅީސް އެއް) ރުފިޔާ
އެކަމަޑޭޝަން - 169،280.76( އެއް ލައްކަ ފަސްދޮޅަސް ނުވަ ހާސް ދުއި ސައްތަ އަށްޑިހަ) ރުފިޔާ
ނައިބު ރައީސްގެ 7 ދުވަހުގެ މި ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން ޖުމުލަ ޚަރަދުވެފައިވަނީ 983،032.13 (ނުވަ ލައްކަ އަށްޑިހަ ތިން ހާސް ތިރީސް ދެ) ރުފިޔާއެވެ.
ރައީސުލްޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަަޑައިގަތުމަށްފަހު ފެނިގެންދަނީ ވައުދާ ޚިލާފްވެ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރައްވާ މަންޒަރުކަން ފާހަގަކޮށްލެވެއެވެ.