ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން
ހަބަރު
ޝަރުތު ހަމަ ނުވިޔަސް ސަލީމު ސުޕްރީމް ކޯޓަށް އައްޔަންކުރަން އުޅެނީ ރައީސް ޔާމީންގެ ޝަރީއަތް ލަސްކުރުމުގެ އިނާމެއްގެ ގޮތުންބާ: މަލީހު
Mariyam Isaadha
މަރިޔަމް އިސާދާ
27 މޭ 2025
މާލެ ސިޓީ

މަގާމަށް ޝަރުތު ހަމަނުވި ނަމަވެސް، ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމު ސުޕްރީމު ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން މަސައްކަތްކުރަމުން ދަނީ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުގައި ޕާކުކޮށްފައި ބޭއްވި ބޭއްވުމުގެ ބަދަލެއްގެ ގޮތުންތޯ އައްސަވާ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ ވަރުގަދަ ސުވާލެއް ރައީސް ޔާމީނަށް ނުހައްގުން ހުކުމްކޮށް އަދި ޝަރީއަތް ލަސްކޮށް ހައްގުތއް ގެއްލުވާލި ހުރިހާ ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ އައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.

މަލީހުގެ ސުވާލެއް އަމާޒުކުރެއްވީ ސަލީމު ސުޕްރީމު ކޯޓަށް އައްޔަންކުރަން ލަފާދޭން ޖޭއެސްސީއިން ނިންމިއިރު އޭނާގެ ޝަރުތު އެ މަގާމަށް ހަމަނުވާކަން ފާހަގަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ސަލީމުއަކީ ރައީސް ޔާމީންގެ މައްސަލަ 2023ވަނަ އަހަރު ހައިކޯޓްގައި އިސްތިއުނާފު ކުރެވުނު ހިނދު މައްސަލަ ޕާރކްކުރުމަށް ފަހު ޗުއްޓީގެ ނަމުގައި ތައިލޭންޑްގައި އުޅުއްވި ފަނޑިޔާރެއް ކަން ހަނދާނަށް ގެންނަވާ މަލީހު ވަނީ ސަލީމަށް ސުޕްރިމު ކޯޓުގެ ފަނޑިޔާރުކަން ޝަރުތު ހަމަނުވި ނަމަވެސް ދޭން ނިންމާ ލަފާ އަރުވަނީ ރައީސް ޔާމީންގެ މައްސަލަ ޕާރކުކޮށްފައި ބޭއްވި ބޭއްވުމުގެ ބަދަލެއްގެ ގޮތުން ތޯ ސުވާލު އައްސަވާފައެވެ.

ސަލީމު ސުޕްރީމު ކޯޓަށް އައްޔަންކުރަން ލަފާދޭން ނިންމި ބައްދަލުވުމުގައި އޭނާގެ ޝަރުތު ހަމަނުވާތީ އެ ކޮމިޝަންގެ މެމްބަރުގައި ހޫނު ބަހުސެއް ކުރެވިފައިވެއެވެ.

އެގޮތުން ޖޭއެސްސީގެ ބައެއް މެންބަރުން ދެކޭ ގޮތުގައި ސަލީމްގެ ކިބައިގައި ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ނ)ގައި ބުނާ އެއް ޝަރުތު ފުރިހަމަނުވެއެވެ. މާއްދާ ބަޔާންކޮށްފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރާ ކޮންމެ މީހަކީ އުމުރުން 30 އަހަރު ވެފައިވު މާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.

ސަލީމުއަކީ ރާއްޖޭގެ އެއްވެސް ކޯޓެއްގައި އެއްވެސް މުއްދަތަކަށް ވަކީލުކަން ކުރައްވާފައިވާ ބޭފުޅެއް ނޫނެވެ. ހަމަ އެހެންމެ ސަލީމު ފަނޑިޔާރުކަން ކުރައްވާތާ އަދި ވެފައިވަނީ ތިން އަހަރެވެ. އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރީ 2022 ވަނަ އަހަރުގެ ތެރޭގައެވެ.

ސަލީމު އޭގެ ކުރިން މަސައްކަތްކުރެއްވީ ހައި ކޯޓުގެ ލީގަލް އޮފިސަރެއްގެ ގޮތުގައެވެ. އެ މަގާމުގައި 12 އަހަރު ހޭދަ ކުރެއްވާފައިވެއެވެ.

އެހެންކަމުން ސަލީމުގެ ޝަރުތު ހަމަނުވި ނަމަވެސް ގާނޫނާ ހިލާފަށް އޭނާ ޖޭއެސްސީއަށް އައްޔަންކުރަން ނިންމަން ލަފާދޭން ޖޭއެސްސީއިން ނިންމި ސަބަބާ މެދު ދާއިރާގެ މާހިރުންވެސް ވަނި ސުވާލު އުފައްދާފައެވެ.

ސަލީމުއަކީ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު ހައިކޯޓުން ލަސްކުރި ކުރުމުގެ ފަހަތުގައި ހުންނެވި ފަނޑިޔާރު ކަމަށް ގިނަ ބަޔަކު ތުހުމަތުކުރާ ބޭފުޅެކެވެ. އެގޮތުން އޭރު ސަލީމު ދިގު މުއްދަތަކަށް ޗުއްޓީ ނަންގަވައިގެން ރާއްޖެއިން ބޭރުގައި އެ ދުވަސްވަރާ ދިމާކޮށް ހޭދަކުރެއްވިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved